ހަބަރު

އަންނަ އަހަރުގެ ބަޖެޓް ދެ ހަފްތާ ތެރޭ ނިންމާލެވޭނެ: މިނިސްޓަރު

Oct 9, 2016
1
  • މިހާރު ކުރަނީ ޕޮލިސީ ލެވަލްގެ މަސައްކަތް
  • މި މަހު 31 އަށް ބަޖެޓް ހުށަހަޅަން ޖެހޭ
  • ބަޖެޓްގައި އުމްރާނީ ތަރައްގީއަށް އިސްކަމެއް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިންމާލެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަޖެޓް މަސައްކަތް އެކީ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަހުގެ 31ގެ ނިޔަލަށް ބަޖެޓް ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓާ ގުޅޭ ގޮތުން ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް ޕޮލިސީ ލެވަލްގެ ކަންކަން އަދި މުޅިން ނުނިމޭތީ ކަމާ ގުޅޭ ބޭފުޅުންނާ އެކު މަޝްވަރާކޮށްގެން ބަޖެޓްގައި ހިމެނޭ ޕޮލިސީ ލެވަލްގެ ކަންކަން ނިންމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތްތައް އަދި ނުނިމޭތީ އާއި އެ މަސައްކަތްތަކާ އެކު ބަޖެޓަށް ބައެއް ބަދަލުތައް އަންނާނެތީ، ބަޖެޓްގެ ޖުމްލަ އާއި ލަފާ ކުރެވޭ އަދަދެއް އަދި ހާމަ ކުރެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބަޖެޓާ ގުޅިގެން ހުންނަ އިގްތިސާދީ މިންގަނޑުތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ އެކު މިދިޔަ ހަފްތާ މިނިސްޓަރު ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ.

"ގާތްގަނޑަކަށް ބަޖެޓްގެ ހަމަ ބޮޑުބައި މި ވަނީ މިހާރު ނިންމާލެވިފައި. އަޅުގަނޑުމެން މި ބަލާ ޑެޓްލައިން އަކީ 31 އޮކްޓޯބަރަށް ހުށަހަޅަން ބަޖެޓް. މިހާރު ހުރި މަސައްކަތްތައް އެންމެ ގިނަވެގެން ވެސް ދެ ހަފްތާ ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން ލަފާކޮށްގެން މަސައްކަތް މި ކުރިއަށް ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ސަރުކާރުން ބަޖެޓް ހުށަހަޅަން ޖެހެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ބަޖެޓްގައި އިސްކަމެއް ދީފައިވާނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށާއި އެކަމަށް ކުރާ ހޭދަ އިތުރު ކުރުމަށް އިސްކަން ދީފައިވާނެ ކަމަށެވެ.

މިއަހަރު ރައްޔިތުން މަޖިލީހުން ބަޖެޓްގެ ގޮތުގައި ފާސްކުރީ، 27.5 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 22.8 ބިލިއަން ރުފިޔާ އެވެ.