ހަބަރު

ލ. ގައި ހުއިފިލަނޑާ އާލާ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފި

Oct 9, 2016

ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ފުޅާކުރުމަށް ފިޝަރީޒް މިނިސްޓްރީ އިން ހިންގާ މަޝްރޫއުގެ ދަށުން، ލ. ކަލައިދު އާއި އިސްދޫ އަދި ދަނބިދޫގައި ހުއިފިލަޑާ އާލާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިފާޑްގެ ވެސް އެހީ ލިބިގެން ހިންގާ މި މަޝްރޫއު ފައްޓަވައި ދެއްވީ، މިކަމަށް ދަނބިދު އާއި ކަލައިދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެކަން ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރު ޝައިނީ ވަނީ މޫދުގައި ހަދާފައިވާ ކޮށިތަކަށް ކުދި ހުއިފިލަނޑާ ދޫކުރައްވާފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މެރިކަލްޗާ ވިޔަފާރި ފުޅާކުރުމަށް ފެށި މި މަޝްރޫއުގެ ދަށުން، އަމިއްލަ ފަރާތްތަކާއި ގުޅިގެން ކަނޑުގެ ދިރުން އާލާކުރުމަށް ހެޗަރީ ގާއިމުކޮށް، އެތަނުގައި އެތަކެތި ބޮޑު ކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށެވެ. އަދި އެތަކެތި ކޮށިތަކުގައި ގެންގުޅެ މާކެޓްގައި ރަނގަޅު އަގުގައި ވިއްކޭ ސައިޒަށް ބޮޑު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

"މިއަދު މި އިފްތިތާހު ކުރި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރުމުގެ ޒަރީއާއިން، މަސްވެރިކަމުގެ ދާއިރާއިން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނޭ މަސައްކަތެއް،" ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ އަޖުމަބެލުމުގެ ގޮތުން ކަލައިދު އާއި ދަނބިދޫގެ މީހުންނަށް ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ އޯގަސްޓް މަހުގެ ތެރޭގައި ވެސް ހިންގާފަ އެވެ.

ލ. އަތޮޅުގައި މިއަދު ފެށި ހުއިފިލަނޑާ ބޮޑުކުރުން ތަޖުރިބާކުރުމުގެ މަސައްކަތަކީ، އެ ކަމަށް ޝައުގުވެރިވީ ފަރާތްތަކަށް ލުއި ލޯނު ދޫކޮށްގެން ފެށި މަޝްރޫއެކެވެ. އެގޮތުން އެ މަސައްކަތް ފެށުމަށް ބޭނުންވާ، ކޮށްޓާއި ކުދި ހުއިފިލަނޑާ ގަތުމަށް ވަނީ ލޯނު ދީފަ އެވެ.

ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީ އަދި ތަކެތި ސަޕްލައިކޮށްދިނީ އެ މަސައްކަތް ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ދިވެހި ފުންޏެއްކަމަށްވާ ބަރަކާތުލް ބަހުރު ޕްރައިވެޓް ލިމިޓެޑުންނެވެ.

ފުރަތަމަ ފިޔަވަހީގައި ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫއިން ޖުމްލަ 100 ފަރާތަކަށް ފުރުސަތު ދޭނެ އެވެ. މިހާތަނަށް އެ ތިން ރަށުން ޖުމްލަ 30 ފަރާތަކަށް ލޯނު ވަނީ ދީފަ އެވެ.