ހަބަރު

ޕީޕީއެމްގެ ޕީޖީ އިން ރައީސް ޔާމީން އާއި މައުމޫންއާ އެއްކޮށް ބައްދަލު ކުރަނީ

Oct 9, 2016
13

ޕީޕީއެމްގެ އެތެރޭގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އާއި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ އެކުގައި ބައްދަލުވުމެއް ބާއްވަން ޕީޖީ ގްރޫޕުން މިއަދު ނިންމައިފި އެވެ. އެގޮތަށް ނިންމީ މީގެ އިރުކޮޅެއް ކުރިން ބޭއްވި ޕީޖީގެ ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު "އަވަސް" އަށް މިއަދު ވިދާޅުވީ ރައީސް މައުމޫން އާއި ރައީސް ޔާމީންއާ އެކު ބައްދަލު ވުމެއް ބޭއްވުމަށް ދައުވަތު ދިނުމަށް ނިންމީ މިއަދުގެ ޕީޖީގެ ބައްދަލުވުމަށް ހާޒިރުވެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ބައްދަލުވުން ބާއްވާނީ ދެބޭފުޅުންނާ އެކުގައި ކަމަށް ވެސް ނިންމުނު ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް އަންނަ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ގިނަ ގޮޑިތަކެއް ކާމިޔާބު ކުރެވޭނެ ގޮތްތަކެއް ހެދުމަށް ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މައްސަލަތަކަށް ހައްލު ހޯދުމަށް އަޅާނެ ފިޔަވަޅު ތަކާއި މައްސަލަތައް މަޝްވަރާ ކޮށްގެން ހައްލު ކުރެވޭނެ ގޮތްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ޕާޓީ ތެރެ ރަނގަޅު ކުރުމަށް ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ދެއްކޭނެ ކަމަށް އަޅުގަނޑުމެން އުންމީދު މި ކުރަނީ. އަޅުގަނޑުމެންގެ އުންމީދަކީ ރައީސް ޔާމީން ވެސް އަދި މައުމޫން ވެސް މި ދައުވަތު ގަބޫލުފުޅު ކުރައްވައި ކަންކަމަށް މަޝްވަރާކޮށްގެން ހައްލު ހޯއްދެވުން،" ރިޔާޒު ވިދާޅުވި އެވެ.

އެ ދައުވަތު މައުމޫން ވެސް އަދި ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރެއްވިކަމެއް އަދި ނޭނގެ އެވެ.

ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކުގެ ހުޅުފަޅައިގެން ދިޔައީ އިއުލާން ނުކޮށް ރަށްޔައް ކުއްޔަށް ދޭން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވިޕްލައިނާ ހިލާފަށް ވޯޓުލީ މައްސަލައިގައި އޭނާ ޕާޓީ އިން ވަކި ކުރަން މަސައްކަތް ކުރުމުންނެވެ. އެ މައްސަލަތަކާ ހުރެ މައުމޫން ވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވެ ސްޓޭޓަމަންޓެއް ވެސް އާންމު ކުރައްވައިފަ އެވެ. އަދި އެއަށް ފަހު ޕާޓީގެ އިސްލާހީ އެޖެންޑާއެއް ވެސް އިއުލާންކޮށް މަސައްކަތް ފެއްޓެވި އެވެ.

އެ މައްސަލަތައް ހައްލު ކުރަން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި ނަމަވެސް، ކައުންސިލްގައި ހިމެނޭ ގިނަ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓް ކުރައްވައި ނިކުމެ ވަޑައިގެންފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ ޕާޓީގެ ގުނަންތައް ރައީސް މައުމޫން ހުއްޓުވާލާފައިވާ ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފަ އެވެ. އެ ކަންކަމާ ހިތްހަމަޖެހިވަޑައިނުގެން މައުމޫން ވިދާޅުވަނީ އެބޭފުޅުން މާފަށް ނޭދެނިސް ކައުންސިލް ބައްދަލުވުމެއް ބޭއްވެން ނެތް ކަމަށެވެ.