ހަބަރު

ވެސްޓަން ޔޫނިއަން އިން ފޭރުން: ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް

Oct 10, 2016

ވެސްޓާން ޔޫނިއަން މާލޭ އޮފީހުގެ ތެރެއަށް މޫނު ނިވާކޮށްގެން ވަދެ، އެ ތަނުގައި މުވައްޒަފުން ބަނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން ބުނީ މިހާތަނަށް އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ހަމައެކަނި މީހާ ފުލުހުންގެ ބަންދުގައި ހުންނަތާ 24 ގަނޑިއިރު ހަމަވާތީ، އޭނާ ކްރިމިނަލް ކޯޓަށް މިއަދުގެ ވަގުތެއްގައި ހާޒިރުކުރުމުން، އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެ ފޭރުން ހިންގާފައި ވަނީ ގްރޫޕަކުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން މިހާތަނަށް ބުނެފައި ވަނީ ވެސްޓާން ޔޫނިއަން އިން ފޭރުން ފައިސާގެ ތެރެއިން 1.2 މިލިއަން ރުފިޔާ އާއި 321،603 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށާއި އެ ފައިސާ ފެނިފައި ވަނީ، ހ. ތާޅަފިލިގޭ ސިޑި ގޮޅި ތެރެއިންނާއި އެގެއާ ކައިރި މަގުތަކުން ކަމަށެވެ. އެތަނުން ފޭރިގަތް ޖުމްލަ ފައިސާގެ އަދަދެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިހާތަނަށް ފެނިފައިވާ ފައިސާގެ އަދަދު 6.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުން ބުނަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ ކަމަށެވެ.