މެންޗެސްޓާ ސިޓީގެ ނޮލީޓޯ އާއި ޗެލްސީގެ ޑިއެގޯ ކޯސްޓާގެ ގޯލުތަކުން އަލްބޭނިއާ ބަލިކޮށް ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ޖީގެ އެއްވަނަ އަށް ސްޕޭން ޖެހިލައިފި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 55 ވަނަ މިނިޓްގައި ކޯސްޓާ އެވެ. ނޮލީޓޯ ލަނޑު ޖެހީ 63 ވަނަ މިނިޓްގަ އެވެ. މިމޮޅާއެކު ސްޕޭން އެއްވަނާގައި އޮތީ އިޓަލީ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
އިޓަލީ ރޭ މޮޅުވީ މެސެޑޯނިއާ އަތުން 3-2 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިޓަލީގެ އަންދްރިއާ ބަލޮއްޓީ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަފަހު ނެސްޓޮރޮވިސްކީ އާއި ފެރްހާން ހަސާނީ ފަހު ހާފު ފަށައިގެން ޖެހި ގޯލުތަކުން މެސެޑޯނިއާ ލީޑު ހޯދި އެވެ. އިޓަލީ މޮޅުކޮށްދިނީ ފަހު 15 މިނިޓްގައި ލާޒިއޯގެ ފޯވަޑް ސިރޯ އިމޮބައިލް ދެ ގޯލު ޖަހައިގެންނެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ 75 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު އިތުރުވަގުތުގަ އެވެ.
ވޭލްސް ވަނީ ގްރޫޕް ޑީގެ ކުރި ހޯދަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އެ ގައުމު އެއްވަރުވީ ޖޯޖިއާ ކޮޅަށް ގެރެތް ބޭލް ލަނޑު ޖަހާފައިވަނިކޮށް 1-1 އިންނެވެ. މި ގްރޫޕުގެ އެއްވަނާގައިވަނީ އޮސްޓްރިއާ އަތުން ރޭ 3-2 އިން މޮޅުވި ސާބިއާ އެވެ.
އެ ގައުމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އަޔަލޭންޑަށް ވެސް ހަތް ޕޮއިންޓް ލިބިފައިވެ އެވެ. އަޔަލޭންޑް ރޭ މޮޅުވީ މޯލްޑޯވާ އަތުން 3-1 އިންނެވެ. ވޭލްސް އަށް ލިބިފައިވަނީ ފަސް ޕޮއިންޓާއެކު ތިން ވަނަ އެވެ.