ހަބަރު

ޑްރަގް ކޮންޓްރޯލް ފަންޑަށް މިދިޔަ އަހަރު އެއްވެސް ފައިސާއެއް ނުލިބޭ!

މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ނަމަވެސް މަސްތުވާތަކެތި ކޮންޓްރޯލް ކުރާ ގައުމީ ފަންޑަށް މިދިޔަ އަހަރު އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް އެ ފަންޑުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މަސްތުވާތަކެތި ކޮންޓްރޯލް ކުރާ ގައުމީ ފަންޑަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑުން ފައިސާ ޚަރަދުކުރާނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށެވެ. މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ހުރިހާ މުދަލަކާއި ފައިސާއެއް ލިބޭން ޖެހޭނީ އެ ފަންޑަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ފަންޑުން ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައިވާ ގޮތުން އެ މުއްދަތުގައި އެ ފަންޑަށް އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރު އެކަނި ވެސް ކޯޓުން ވަނީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 380،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ފައިސާތައް އެ ފަންޑަށް ލިބިފައިނުވަނީ ކީއްވެގެންކަން މިހާތަނަށް ސާފެއް ނުވެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ފައިސާއެއް ނުވަތަ މުދަލަކީ ކިހިނެތް ހޯދި އެއްޗެއްކަން ސާބިތުކޮށް ދޭންޖެހޭނީ އެ ފައިސާއެއް ނުވަތަ އެ މުދަލެއްގެ ވެރިފަރާތުންނެވެ. އެއީ ރަނގަޅު ގޮތުގައި ހޯދި އެއްޗެއްކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މުދަލެއް ނުވަތަ އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލައި، ދައުލަތަށް ނަގަން ޖެހޭނެ ކަމަށް 2011 ގައި އަމަލުކުރަން ފެށި އެ ގާނޫނުގައި ބުނެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެ ކުރުމުގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. ނަމަވެސް އެ ޖޫރިމަނާގެ ފައިސާތަކަކީ އެ ހުކުމެއް ކުރި ކޯޓަކަށް ދައްކަންޖެހޭ އެއްޗެކެވެ.