ފުވައްމުލައް ސިޓީގެ ފެނާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށްދެއްވައިފި އެވެ. މި މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިރޭ މި ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިންނެވެ.
މި މަޝްރޫއަށް 297 މިލިއަން ރުފިޔާ ހަރަދުކުރާއިރު ސަރުކާރުގެ ޕީއެސްއައިީ ބަޖެޓުން ހަރަދުކުރަން ހަމަޖެހިފައިވަނީ 142 މިލިއަން ރުފިޔާ އެވެ. ބާކީ ފައިސާ އަކީ ކުވައިތު ފަންޑް ފޮ އެރެބިކް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހޯދާފައިވާ ފައިސާ އެވެ.
މި ސިޓީގައި ގާއިމްކުރާ ނަރުދަމާ ނިޒާމްގައި ދެ ޕަމްޕް ސްޓޭޝަނާއި 20 ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި 31 ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ގާއިމްކުރާނެ އެވެ. އަދި 308 މީޓަރުގެ ސީ އައުޓްފޯލަކާއި 595 ވެކިއުމް ޗެމްބާސް އެއް ވެސް ހަރުކުރާނެ އެވެ. ފުވައްމުލަކު ސިޓީގެ 2959 ގެއަކަށް ނަރުދަމާ އާއި ފެން ގުޅައިދޭނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ ފެނުގެ ނިޒާމްގައި ދުވާލަކު 500 ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓުވެސް ގާއިމްކުރާނެ އެވެ. އަދި އެންމެ އެކަށީގެންވާ ހެޔޮ އަގެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމްވެސް ގާއިމްކުރަން ވަނީ ނިންމާފަ އެވެ.
މި މަސައްކަތަށް 21 މަސް ދުވަހުގެ މުއްދަތެއް ދީ މަސައްކަތް ހަވާލުކޮށްފައިވަނީ މިިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. -- ފުވައްމުލަކުން: އައިޝަތު މާހާ