އެންމެ އިހު ޒަމާނުގައި އެންމެންވެސް އުޅުނީ ހިނގާފަ އެވެ. ދުނިޔެ ފުރެޅޮމެން ތަރައްގީވަމުން ދިޔައިރު ރާއްޖެއަށް ވެސް އޭގެ އަސަރުކޮށް ބައިސްކަލު ތައާރަފުވެއްޖެ އެެވެ. އެންމެންވެސް ދެން އުޅުނީ ބައިސްކަލުގަ އެވެ. އެ ޒަމާންވެސް ފާއިތުވެ މިހާރު މިއޮތީ ސައިކަލާ، ކާރާ ބަހާއި މި އުޅަނދުތަކުގެ ޒަމާން އައިސްފަ އެވެ. މިހާރު ބައިސްކަލު ދުއްވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.
ބައިސްކަލު ދޫކޮށް ސައިކަލާ ކާރަށް ދިވެހިން ސަވާރުވާން ފެށިއިރު ނުރައްކާތެރި އެތައް ބަލިތަކަކަށްވެސް ދިވެހިން ދިޔައީ ހުށަހެޅެމުންނެވެ. އެތައް ނުބައި އާދަތައްވެސް ދިޔައީ ކަށީގައި ހިފަމުންނެވެ. އެކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެންމެ އާންމުވެފައިވާ އެއް ބައްޔަކީ ހިތުގެ ބަލިތަކެވެ. ބައިސްކަލު ދުއްވަން ދިވެހިން ލަދުގަންނަން ފެށިއިރު އެކަމުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭކަން ސިކުނޑިންވަނީ ފިލާ ގޮސްފަ އެވެ.
އިންޑިއާގެ ސްރީ ބަލާޖީ އެކްޝަން މެޑިކަލް އިންސްޓިޓިއުޓް އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެންމެ މަދުވެގެން 20 މިނެޓު ބައިސްކަލު ދުއްވައިގެންވެސް ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެ އެވެ. ޕުރްދޫ އިންޑިއާނާ ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުންވެސް ވަނީ ބައިސްކަލު ދުއްވައިގެން ހިތުގެ ބަލިތައް ޖެހުން އެތައް ގުނައެއް ކުޑަކޮށްދޭ ކަމަށް ދައްކާފަ އެވެ.
ކޯޕަންހޭގަން ހާޓް ސްޓަޑީއިން 5،000 އަށްވުރެން ގިނަ މީހުން ބޭނުންކޮށްގެން 14 އަހަރުވަންދެން ވަނީ މީގެ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް މަރުވާ މީހުންގެ ތެެރެއިން 30 ޕަސަންޓު މީހުންނަކީ ހިތުގެ އެކިބަލިތަކުގައި މަރުވާ މީހުންނެވެ. ހިތުގެ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 50 ޕަސަންޓު މީހުންނަކީ ދިރިއުޅުމުގައި ގެންގުޅެވުނު ނުބައި އާދަތަކެއްގެ ސަބަބުން ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވި މީހުން ކަމަށްވެ އެވެ. އޭގެ ތެރޭގައި ސިނގިރޭޓް ބުއިމާއި ޖިސްމާނީ ގޮތުން ހެލިފެލިވެ އުޅުން މަދުވެ ކަސްރަތާއި ދުރުވުން ހިމެނެ އެވެ.
ޖިސްމާނީ ގޮތުން ހެލިފެލިވެ ނޫޅުމަކީ މީހާގެ ދުޅަހެޔޮކަން އެތައް ގުނައެއް ދަށްކޮށްދޭ ކަމެކެވެ. އުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުން ހަފްތާއެއްގެ މައްޗަށް އެންމެ މަދުވެގެން 150 މިނެޓު ޖިސްމާނީ ގޮތުން ހެލިފެލިވެ އުޅުނު ކަމުގައިވިޔަސް ހިތުގެ ބަލިތަކާއި އެތައް ގުނައެއް ދުރުކޮށްދޭ ކަމަށް މި ދިރާސާތަކުން ދައްކަ އެވެ.
ސިއްހީ މާހިރުން ވިދާޅުވަނީ ބައިސްކަލު ދުއްވުމަކީ ހަމައެކަނި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެއް ނޫން ކަމަށާއި އެއީ ހަށިގަނޑުގައި ހުންނަ ކެލޮރީތައް އަންދާ ބަރުދަން އެއް މިންގަނޑެއްގައި ހިފަހައްޓަންވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެއީ މަސްތަކާއި ކަށިތައްވެސް ވަރުގަދަކޮށްދޭ ކަމެއްވެސް މެ އެވެ. ބައިސްކަލު ދުއްވުމަކީ ހުޅުތަކުގައި ރިއްސުން ނުވަތަ އާތިރައިޓިސް މީހުންނަށްވެސް ވަރަށް ރަނގަޅު ފަރުވާއެއް ކަމަށްވެ އެވެ.
ސްޓްރެސް ފިލުވާލަންވެސް އެންމެ ރަނގަޅު އެއް ކަސްރަތަކީ ބައިސްކަލު ދުއްވުމެވެ. މީގެ އިތުރުން ޓައިޕް 2 ޑައިބެޓިސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް ވެސް މިކަމުން އެހީވެދެ އެވެ.