ލައިފްސްޓައިލް

އާންމުކޮށް ބޮލުގައި ރިއްސާ ނަމަ މި ލިޔުން ކިޔަން ޖެހޭނެ!

Oct 10, 2016
1

ސަބަބަކީ ސިއްހީ ގޮތުން އިތުރު އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ބައްޔެއްގެ އަލާމާތަކަށް އެކަން ވެދާނެތީ އެވެ. އާންމުކޮށް ނުވަތަ ގަދަ އަށް ބޮލުގައި ރިއްސުމަކީ ހައިޕޯތައިރޮއިޑްޒަމްގެ ސާފު އަލާމާތެކެވެ. -- ހައިޕޯތައިރޮއިޑްޒަމް އަކީ ފަލަވުމާއި މޫޑް ސްވިންގްސް ފަދަ ނުރައްކާތަކަށް ތިމާ ހުށަހަޅައިދޭ ސިއްހީ މައްސަލައެކެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން ގަދަ އަށް ނުވަތަ އާންމުކޮށް ބޮލުގައި ރިއްސާ މީހުންގެ ކިބައިން ހައިޕޯތައިރޮއިޑްޒަމް ފެނުުމުގެ ފުރުސަތު، އެގޮތަށް ބޮލުގައި ނުރިއްސާ މީހުންނަށް ވުރެން 21 ޕަސެންޓް މަތި އެވެ. މައިގްރެއިން އާއި ކްލަސްޓާ ހެޑޭކް ނުވަތަ ޓެންޝަން ހެޑޭކް ފަދަ މައްސަލަތަކަށް ގަވާއިދުން ބޭސްނަގާ މީހުންނަށް ވެސް މި ނުރައްކާ މި މިންވަރުގައި އެބައޮތެވެ.

ވަކިން ހާއްސަކޮށް މައިގްރެއިންގެ މައްސަލަ ދިމާވެފައިވާ ނަމަ، ހައިޕޯތައިރޮއިޑްޒަމް އަށް ޑައިގްނޯސްވުމުގެ ފުރުސަތު 41 ޕަސެންޓް މައްޗަށް އަރަ އެވެ.

ހައިޕޯތައިރޮއިޑްޒަމް އަކީ ހަށިގަނޑަށް ބޭނުންވާ ތައިރޮއިޑް ހޯމޯންސް އެ މިންވަރަށް ނުއުފެއްދުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލައެކެވެ. އޭގެ ސަބަބުން މޫޑަށް ނޭދެވޭ އަސަރުކުރުމާއި ފަލަވުމުގެ މައްސަލަ ދިމާވެ އެވެ. މީގެ އިތުރުން ހަކަތަ އާއި ބުންވަރު ފަސޭހައިން ގެއްލުމާއި ވަކިކަމަށް ދޭން ސަމާލުކަން ދިނުމުގެ ގާބިލުކަން ކުޑަވުމުގެ މައްސަލަތައް ވެސް ދިމާވެ އެވެ.

މީގެ އިތުރުން ބޮލުން ގަދަ އަށް އިސްތަށި ފޭބުމާއި ބަނޑުހަރުވުން އަދި އަންހެނުން ނަމަ، މައްސަރުގެ މައްސަލަތައް ދިމާވުން ވެސް އެކަށީގެންވެ އެވެ. ހައިޕޯތައިރޮއިޑްޒަމްގެ މައްސަލަ ފިރިހެނުންނަށް ވުރެން ބޮޑީ ވެސް އަންހެނުންގެ މެދުގައިކަން ފާހަގަކޮށްލެވެ އެވެ.

އާންމުކޮށް ބޮލުގައި ރިހުމާ ހައިޕޯތައިރޮއިޑްޒަމްއާ ސާފު ގުޅުމެއް އޮތް ކަމަށް މިފަހުން ކުރި ދިރާސާއަކުން އެމެރިކާގެ ޔުނިވާސިޓީ އޮފް ސިންސިނާޓީގެ ތަޖުރިބާރުންތަކެއް ހޯދާފައި ވަނީ 8،412 މީހުން ބޭނުންކޮށްގެން 12 އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއަކުންނެވެ. މި ދިރާސާގެ ރިޕޯޓް ވަނީ "ހެޑޭކް: ދަ ޖާނަލް އޮފް ހެޑް އެންޑް ފޭސް ޕެއިން" ގައި ޝާއިއުކޮށްފަ އެވެ.