ހޮލީވުޑް

"ދަ ގާލް އޮން ދަ ޓްރެއިން" ހީކުރިވަރެއް ނުވި

Oct 10, 2016

ޓޭޓް ޓެއިލާ ޑައިރެކްޓްކޮށް އެމިލީ ބްލަޓް ލީޑްރޯލު ކުޅެފައިވާ "ދަ ގާލް އިން ދަ ޓްރެއިން" އަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވީ ފިލްމެކެވެ. ސަބަބަކީ ހަމަ އެ ނަމުގައި އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ޕައުލާ ހޯކިންސް މިދިޔަ އަހަރު ނެރުނު މަޝްހޫރު ވާހަކަ އެވެ.

އެ ވާހަކައިގެ އަސްލަށް ފިލްމު އުފައްދާތީ އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ވާހަކައާ އެއްވަރަކަށް ފިލްމު ވެސް މޮޅުވެފައި ތަފާތުވާނެ ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު މި ފިލްމެއް އުތުރު އެމެރިކާގައި ޕްރިމިއާކުރިއިރު ހީކުރިވަރުގެ ތަރުހީބެއް ފިލްމަކަށް ނުލިބުނެވެ.

ވަކިން ހާއްސަކޮށް ފާޑުކިޔުންތެރިންގެ މާ ބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެ އެވެ.

ނަމަވެސް ފުރަތަމަ ހަފުތާ ބަންދު ނިންމާލިއިރު ފިލްމަށް ވަނީ 41 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ 45 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ފެށުމަށް ހީކުރި ވަރުގެ ތަރުހީބެއް ލިބިފައި ނެތަސް ފިލްމުގެ ވިޔަފާރި ފަހުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މި ފިލްމުގެ ވާހަކަ އަކީ ޖިލިއަން ފްލިންގެ މަޝްހޫރު ވާހަކަ "ގޯން ގާލް" އާ އެއްވަރުގެ ވާހަކައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތްރިލާއެކެވެ.

މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި ވާހަކައިގެ 11 މިލިއަން ކޮޕީސް ވިކިފައިވެ އެވެ.