ދިވެހި ސިނަމާ

ލައިޓްސް އައުޓް: 4426 ގެ ކުރިން ބަލާނެ ބިރުވެރި ފިލްމުތައް

ބުނެވޭ ގޮތުގައި ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމު "4426" އަކީ ބެލުންތެރިން ބިރުން ފިތްކަނޑައިގެންދާވަރުގެ މަސައްކަތެކެވެ. އެހެންވީމަ އާދައިގެ ބިރުވެރި ފިލްމަށް ގޮސް މަޖާކުރާ ގޮތަކަށް މިފަހަރު މަޖަލެއް ނުކުރެވޭނެ ކަމަށް ބުނެވެ އެވެ. މި ފިލްމަކަށް ދުރާލައި ތައްޔާރުވާން ޖެހޭ އެއް ސަބަބަކީ މިއީ އެވެ.

އެކަމަކު މި ބިރުވެރިކަމަކުން ސަލާމަތްވުމަށް ހެދޭނެ މޮޅު ފަންޑިތައެއް ނުވަތަ ކިޔެވޭނެ މޮޅު ކިޔެވުމެއް ވެސް ނެތެވެ. ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި "4426" އަރައި އެންމެން "ކާލާނެ" އެވެ.

އެހެންވީމަ އޭގެ ކުރިން ބިރުވެރި އެހެން ފިލްމުތަކެއް ބަލަން ޝައުގުވެރިވަނީ ނަމަ ތިރީގައި މި އޮތީ ފަސް ފިލްމެކެވެ. މިއީ "4426" އަށް ހިތާއި ނަފުސު ތައްޔާރުކުރުމަށް މެންދަމުގެ ނާމާންކަމާއި ކަނުއަނދިރިކަމުގައި އަޅުގަނޑު ޖެއްސި "ހޮރޯ މެރަތަން" އަކުން ހޮވާލާފައިވާ ނިކަން ބިރުވެރި ފަސް ފިލްމެއްގެ ވާހަކަ އެވެ.

ފަހަރެއްގައި މި ފަސް ފިލްމަކީ، 4426 ބަލަން ދާ ކޮންމެ މީހަކު އެ ފިލްމަށް އެންމެ ފުރިހަމަ އަށް ތައްޔާރުކޮށް އޭގެ "ނުބައިވެގެންވާ ފުރާނަތަކާއި ރޫހުތަކުން" ސަލާމަތްކޮށްދޭނެ ބާރަކަށް ވެދާނެ އެވެ.

މިހައި ހިސާބުން ބޮކިތައް ނިއްވާލާފައި މި އަހަރުގެ އެންމެ މަޝްހޫރު އެއް ބިރުވެރި ފިލްމު "ލައިޓްސް އައުޓް" އިން ފަށައިގަންނަމާ ހިނގާށެވެ.

ބޮކި ދިއްލައިގެން ވެސް ނިދަން ނުކެރޭނެ!

"ލައިޓްސް އައުޓް" އަކީ ކިހާ ބިރުވެރި ފިލްމެއްތޯ މީހަކު ސުވާލުކޮށްފި ނަމަ އެ ފިލްމެއްގެ މޮޅުކަމާއި އެއިން ސިކުނޑިއާއި ނަފުސަށް ވައްދާ ބިރުވެރިކަމެއްގެ ވާހަކަ އެންމެ ކުރުކޮށް ކިޔައިދެވޭނީ މިހެންނެވެ. -- އެ ފިލްމު ބެލުމަށް ފަހު ބޮކި ނިއްވައިގެން ނިދަން ލާހިކެއް ނޫނެވެ! އަދި ބޮކި ދިއްލައިގެން ވެސް ނިދޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ!

މި ފިލްމަކީ މި އަހަރުގެ މިހާތަނަށް ހޮލީވުޑުން ނެރުނު ސުޕަނެޗުރަލް ބިރުވެރި ފިލްމުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދިޔަ އަދި ބިރުވެރިކަމުގެ މީޓަރުން ރޭޓްކުރާ ނަމަ އެންމެ އެންމެ ގަދައަށް ބިރުގަންނުވާލި ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް އެފް. ސޭންޑްބާގެވެ. ހޮލީވުޑް ނުވަތަ މެއިންސްޓްރީމް ސިނަމާ އަށް އެހާ މަޝްހޫރު ނަމަކަށް އޭނާގެ ނަމާއި މަސައްކަތްތައް ފަހަރެއްގައި ނުވެދާނެ އެވެ.

ސޭންޑްބާގް މީގެ ކުރިން ގެނެސްދީފައިވާ ބިރުވެރި ފިލްމުތަކަކީ މުޅިން ވެސް ކުރު ފިލްމުތަކެވެ. އަދި މި އާދާޔާހިލާފު ފިލްމަކީ ވެސް އޭނާ 2013 ވަނަ އަހަރު ހަމަ މި ނަމުގައި ލިޔެ ޑައިރެކްޓްކުރި ކުރު ފިލްމެއްގެ އަސްލުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ އާދައިގެ ބަޖެޓުތަކުން "ބޮޑެތި ފިލްމުތައް" އުފައްދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

މިސާލަކަށް ބަލަނީ ނަމަ، ލައިޓްސް އައުޓް އަކީ ވެސް 4.9 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް 147 މިލިއަން ޑޮލަރު ލިބުނެވެ.

ފިލްމުގެ ވާހަކަ އަށް ނުވަތަ މި ފިލްމެއް ހާއްސަވާ ސަބަބުތަކަށް ދަނީ ނަމަ ބުނަން ޖެހޭނީ މިއީ އާންމުކޮށް ފެންނަ ބިރުވެރި ފިލްމުތަކާ ތަފާތު ސިފަތަކެއް އޭގައި ޖެހިފައިވާ ފިލްމެކޭ އެވެ. ވަކިން ހާއްސަކޮށް ފިލްމުގެ ފުރަތަމަ މަންޒަރު ކުލަވާ ހިސާބުން ފެށިގެން ހިތަށް ވެރިކުރުވާ ބިރުވެރިކަމާއި ހާސްކަން ފިލްމުގެ އެންމެ ފަހު މަންޒަރާ ހަމަ އަށް ދިގުދަންމާލުމުގައި ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.

އާންމުކޮށް، ބިރުވެރި ފިލްމުތަކުގައި ބެލުންތެރިން އުއްމީދުކުރާ ބިރުވެރިކަމާއި ހާސްކަމާއި ތުރުތުރުއެޅުން އަންނާނީ ފިލްމުގެ ކުރީކޮޅުގައި ދޭ އިންޒާރުތަކަކަށް ފަހު ފިލްމުގެ ވަކި ހިސާބަކުންނެވެ. ފިލްމުގައި އުޅޭ ޖިންނިއެއް ފެންނާނީ ނުވަތަ "ބެލުންތެރިންނާ އަވަލައި މޮޔަކޮށްލެވޭ" ވަރުވާނީ ފިލްމުގެ މެދަކާ ހިސާބުން ނުވަތަ ނިމޭއިރު ވެސް އެކަމެއް އޮންނަނީ ގިނަފަހަރު ނުވެފަ އެވެ.

އެކަމަކު "ލައިޓްސް އައުޓް" ގެ ތަފާތަކީ މިއީ އެވެ. އޭގެ އިންޓްރޯ ބަލަން ވެސް ގޮނޑީގައި ހަމަޖެހިލައިގެން އިނދެވިދާނެކަމާ މެދު ޝައްކެވެ.

"ލައިޓްސް އައުޓް" ގެ މެއިން ޕްލޮޓް ފައްކާކޮށްފައިވާ ގޮތަށް ބަލާއިރު، މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލީގެ މައްސަލައިން އޭގެ މުހިންމު ކެރެކްޓާސްތައް އުފައްދާފައިވުމަކީ ވެސް މި ފިލްމުގެ ބިރުވެރިކަން ވަކިން ބޮޑުކޮށް ބެލުންތެރިންގެ ހަންގަނޑާ ގާތަށް ޖައްސުވައިދޭ ސަބަބެކެވެ.

ފިލްމުގައި ދައްކުވައި ދެނީ ނަފުސާނީ ގޮތުން ހަލާކުވެފައިވާ އަންހެނެއްގެ ނުބައި ރޫހާނީ ބާރެއްގެ މުސީބާތް ކުރިމަތިވެފައިވާ އާއިލާއެއްގެ ވާހަކަ އެވެ.

މި ފިލްމު ކަމުދިޔަ މީހުންނަށް އުފާވެރި އެހެން ޚަބަރެއް ވެސް އެބައޮތެވެ. ފިލްމުގެ ސީކުއެލްއެއްގެ މަސައްކަތް ވަނީ މިހާރު ވެސް ފެށިފަ އެވެ.

ދަ ވެއިލިން: ބިރުގަތަސް އޭގެ ވާހަކަ ދެއްކުން ހުއްޓާލާހިތެއް ނުވާނެ

މިއީ ބިރުވެރި ފިލްމަކާ އެކު އޭގެ ބެލުންތެރިޔަކަށް އަނެއްކާވެސް ތަފާތު އިހްސާސްތަކެއް ނުވަތަ ތަޖުރިބާއެއް ކުރެވޭނެ ފިލްމެކެވެ. މަތީގައި ބަޔާންކޮށްފައިވާ ފިލްމު "ލައިޓްސް އައުޓް" ގެ ސިފަތަކާ އަޅާބަލާއިރު ވެސް މިއީ މުޅިން ތަފާތު އެހެން ކަމެކެވެ.

"ލައިޓްސް އައުޓް" ނުވަތަ ބިރުވެރި އެހެން ފިލްމުތަކަކީ ސިއްސަސިއްސައިގެން ދާ މަންޒަރުތައް ގިނައިން ބޭނުންކޮށްފައި ހުންނަ ފިލްމުތަކެވެ. އަދި އޭގައި އުފައްދާ އަޑުތަކުން ވެސް ހިތްތަކަށް ބިރުވެރިކަން ވައްދާ ފިލްމުތަކެވެ. ނަމަވެސް މިއީ ބިރުވެރި ފިލްމުތަކުގެ އާންމު މި ސިފަތައް އެހާ ބޮޑަށް ބޭނުންނުކޮށް ހިތަށާއި ނަފުސަށް ބިރުވެރިކަން ވެރިކުރުވާ ފިލްމެކެވެ.

މިއީ ދެކުނު ކޮރެއާގެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ދައްކާ ނަމަ، ބިރުވެރި ފިލްމާއި ކްރައިމް ތްރިލާ އަށް ކޮރެއަން ސިނަމާވަރެއް ނޯންނާނެއޭ މީހުން ބުނަނީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. -- ދަ ވެއިލިން އަކީ ވެސް އޭގެ އެއް ސަބަބެވެ.

މި ފިލްމަކީ ނާ ހޮންގް-ޖިން ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ކޮރެއަން ސިނަމާއާ ރައްޓެހި ބެލުންތެރިންނަށް އާ ނަމަކަށް ނުވާނެ އެވެ. އޭނާ ކުރިން ގެނެސްދިން ދެ ފީޗާ ފިލްމުކަމުގައިވާ "ދަ ޗޭސާ" އާއި "ދަ ޔެލޯ ސީ" އަކީ ވެސް ނުބަލައި ދޫކޮށްލާ ވަރުގެ ދެ ފިލްމެއް ނޫނެވެ.

އެއަށް ފަހު އޭނާގެ މި ފިލްމަކީ ބިރުވެރި ފިލްމު ޖޮންރާގެ ވަރަށް ގިނަ ރަހަތަކެއް އެއްކޮށްލައިގެން އުފައްދާފައިވާ މާސްޓަޕީސްއެކެވެ. އެންމެ އާންމުކޮށް މި ފެންނަ ޖިންނި އަވަލުމުގެ ބިރުވެރިކަމުން ފެށިގެން ނަފްސާނީ ބަލިމަޑުކަމާއި ރަހުމްކުޑަ ސިލްސިލާ މަރުތަކުގެ މަންޒަރު ވެސް މީގައި ހިމެނެ އެވެ. މީގެ އިތުރުން ކޮރެއާ މީހުންގެ ބޯދާ ހިޔާލީ ވާހަކަތަކުގެ އަސަރު ވެސް ފިލްމުގައި ވަރަށް މޮޅަށް ބޭނުންކޮށްފައިވެ އެވެ.

ފިލްމުގައި ދައްކުވައި ދެނީ އަވަށެއްގައި ފެތުރޭ ގޮތްނޭނގޭ ބަލިމަޑުކަމެއްގެ ސަބަބުން މީހުން މޮޔަވެ، ގެއްލެމުންދާ ގޮތާއި ރަހުމްކުޑަ އަނިޔާ ދީގެން މަރާލާފައިވާ މީހުންނާއި ފަންޑިތަ އާއި ސިހުރު ހާހޫރުގެ ނުބައި ބާރުތަކުގެ ކުރިމަތިލުންތަކެވެ. ފިލްމުގެ އާދަޔާހިލާފު ސިފަތަކުގެ ތެރެއިން އޭގެ "ކޮރެއަން ސިނަމާގެ ޓްރޭޑްމާކް" ޓްވިސްޓްތައް ފާހަގަކޮށްލެވެ އެވެ.

މިއީ ދެ ގަޑިއިރާއި 30 މިނެޓްގެ ދިގު ފިލްމެކެވެ. އަދި އެއަށް ފަހުވެސް އިތުރު ދެ ގަޑިއިރު އިތުރުކޮށްލަން ޝައުގުވެރިވާ ވަރަށް މޮޅަށް ގަތާލާފައިވާ ފިލްމެކެވެ. މިއީ އެ ފިލްމެއް ބަލައި ނިމުނަސް އޭގެ ވާހަކަ ދެއްކުން ނުނިމޭނެ ފިލްމެކެވެ.

ދަ ޓޭކިން އޮފް ޑެބޯރާ ލޯގަން

މިއީ 2014 ވަނަ އަހަރުގެ ފިލްމެކެވެ. ފައުންޑް ފުޓޭޖު ސްޓައިލްގެ ބިރުވެރި ފިލްމަކަށް ބަލާ ނަމަ "ޕެރަނޯމަލް އެކްޓިވިޓީ" ސިލްސިލާ ފައްސާލާނެ ފެންވަރުގެ އުފެއްދުމެކެވެ.

ފިލްމުގައި ދައްކުވައި ދެނީ އަލްޒެއިމާ ބަލީގެ މުސްކުޅި އަންހެނަކަށް ދިމާވާ އާދަޔާހިލާފު ހާދިސާތަކެކެވެ. އޭނާގެ ބަލީގެ އަސްލަކީ މެޑިކަލް މައްސަލައެއް ކަމަށް އެންމެ ފުރަތަމަ ގަބޫލުކުރެވުނަސް އެ ހުރިހާ ހިޔާލެއް ބިރުވެރިކަމަކަށް ބަދަލުކޮށްލަނީ އޭނާގެ ބަލީގެ މައްސަލަ އަށް ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާ ޓީމެއް އޭނާގެ ގެއަށް ގޮސް ހޭދަކުރާ ދުވަސްތަކުގައި ފެންނަ ނުބައި ބާރެއްގެ އަސަރުތަކުންނެވެ.

ޖިންނި އަވަލުމާއި ފަންޑިތަ އާއި ސިހުރުގެ އާދަޔާހިލާފުކަމާއި ބިރުވެރިކަން ނިކަން ގާތުން އިހްސާސްކޮށްލުމުގެ "ގަޓު ހުރި" ނަމަ މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެކެވެ.

ދަ ބާބަޑުކް

މިއީ ޒަމާނީ ބިރުވެރި ފިލްމެކެވެ. ފިލްމުގައި ދައްކުވައިދޭ އަނިޔާވެރި ނުވަތަ ގްރެފިކް މަންޒަރުތަކަށް ވުރެން ބޮޑަށް ބަލާ މީހާގެ ސިކުނޑިއަށް ފޮނުވާ މެސެޖުތަކުން ހިތަށް ބިރުވެރިކަން ވެރިކުރުވާ ފިލްމެކެވެ. މިއީ ވިޔަފާރީގެ ގޮތުން ބަލާއިރު އެހާ ކާމިޔާބު ފިލްމެއް ނޫނެވެ. އަދި އެންމެ ފުރަތަމަ މެއިންސްޓްރީމް އޯޑިއެންސްގެ މެދުގައި ވެސް މަގްބޫލުކަމެއް ލިބުނު ފިލްމެއް ނޫނެވެ.

ނަމަވެސް މިއީ ފަހުގެ ތާރީޚެއްގައި ބެލުނު އެންމެ ތަފާތު ބިރުވެރި ފިލްމޭ ބުނެވިދާނެ އެވެ. ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނުން ބެލުންތެރިޔާގެ ސިކުނޑީގައި އުފައްދައިދޭ މަންޒަރު ފިލްމާ އެކު އަނދިރިވެ އެ އަނދިގަނޑުން ސަލާމަތްވުމަކީ މި ފިލްމު ބަލާ މީހަކަށް ފަސޭހަވާނެ ކަމެއް ނޫނެވެ.

ފިލްމުގައި ދައްކުވައިދެނީ ވެސް އެފަދަ މަންޒަރެކެވެ. ހަންޑިއެއްގެ ފަރާތުން ނުވަތަ ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުން ބޮލަށް ވަދެފައިވާ ބިރުވެރިކަމަކުން ސަލާމަތްނުވެވިގެން އުޅޭ އާއިލާއެކެވެ.

މިއީ އަނެއްކާވެސް މި އަހަރު ނުކުތް ބިރުވެރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. އެކަމަކު މިއީ ޖިންނި ޝައިތޯނުންނާއި ސިހުރު ހާހޫރުގެ ނުބައިކަމާއި ބިރުވެރިކަން ހިމެނޭ ފިލްމެއް ނޫނެވެ. މިއީ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާއެކެވެ.

ފިލްމުގައި ދައްކުވައި ދެނީ އެކަހެރި ހިސާބެއްގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެނަކަށް އެ ރެއެއްގައި ދިމާވާ ބިރުވެރި ހާދިސާއެކެވެ. މި އަންހެން މީހާ އަކީ އަޑު ނީވޭ މީހެކެވެ. ދެން ފެނިގެން ދަނީ އޭނާއާ ދިމާކޮށްލާ ރަހުމްކުޑަ ނުލަފާ ފިރިހެނެއްގެ ކިބައިން ސަލާމަތްވުމަށް މި ނުކުޅެދުންތެރިކަމާ އެކު ކުރާ އާދަޔާހިލާފު މަސައްކަތެވެ.

ފޯރިގަދަ، ހިތްއަވަސްކުރުވައި ލޭ ކައްކުވާލާ ޒާތުގެ ބިރުވެރި ފިލްމަކަށް ހިތްއެދެނީ ނަމަ މިއީ ވަރަށް ވެސް ފައްކާ ހޮވުމަކަށް ވާނެ އެވެ.

ހަޝް

މިއީ އަނެއްކާވެސް މި އަހަރު ނުކުތް ބިރުވެރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. އެކަމަކު މިއީ ޖިންނި ޝައިތޯނުންނާއި ސިހުރު ހާހޫރުގެ ނުބައިކަމާއި ބިރުވެރިކަން ހިމެނޭ ފިލްމެއް ނޫނެވެ. މިއީ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާއެކެވެ.

ފިލްމުގައި ދައްކުވައި ދެނީ އެކަހެރި ހިސާބެއްގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެނަކަށް އެ ރެއެއްގައި ދިމާވާ ބިރުވެރި ހާދިސާއެކެވެ. މި އަންހެން މީހާ އަކީ އަޑު ނީވޭ މީހެކެވެ. ދެން ފެނިގެން ދަނީ އޭނާއާ ދިމާކޮށްލާ ރަހުމްކުޑަ ނުލަފާ ފިރިހެނެއްގެ ކިބައިން ސަލާމަތްވުމަށް މި ނުކުޅެދުންތެރިކަމާ އެކު ކުރާ އާދަޔާހިލާފު މަސައްކަތެވެ.

ފޯރިގަދަ، ހިތްއަވަސްކުރުވައި ލޭ ކައްކުވާލާ ޒާތުގެ ބިރުވެރި ފިލްމަކަށް ހިތްއެދެނީ ނަމަ މިއީ ވަރަށް ވެސް ފައްކާ ހޮވުމަކަށް ވާނެ އެވެ.