ހަބަރު

"އާ ދަރުމަވަންތައަށް ފަސް މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވޭ"

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި އެ މަސައްކަތަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރަތް ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރަތް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ އާ ޕީއެސްއައިޕީ ބަޖެޓާއެކު ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.

"އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު ލިބުނުހާ އަވަހަށް އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ދަންނަވާނަން ދަރުމަވަންތަ ސްކޫލުގެ އާ އިމާރަތުގެ މަސައްކަތް ފައްޓަވާދެއްވުމަށް. އެ އިމާރާތް ކުރުމަށްޓަކައި އަންނަ އަހަރު އިއުލާން ކުރުމުގެ މަސައްކަތް ކުރާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ކުރިން ބުނެފައި ވަނީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިމުމުން ކޮންމެ ދަންފަޅިއެއްގައި 1200 ދަރިވަރުންނަށް ކިޔަވާ ދެވޭނެ ކަމަށެވެ

އެ ސްކޫލްގެ ބާ އިމާރާތް ތަޅާލުމަށް މިއަދު ވަނީ 1.5 މިލިއަން އަށް އައިއެސްއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފައެވެ.