ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހުގެ މި ސިޓީއަށް ވަޑައިގެންފި އެވެ. ފުވައްމަލަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެ ސިޓީއަށް ރައީސް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމުގައި އިސްވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ވަޒީރު މުހައްމަދު ރަޝީދު އިބްރާހިމާއި އެހެންވެސް ގިނަ އިތްޒަތްތެރިން ތިއްބެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަތް ދޫލައިގެ މަރުހަބާއަށް ފަހު އެއާޕޯޓްގައި މިއަދު ވަނީ މަރުހަބާގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މަރުހަބާ ދެންނެވި ގިނަ އަދަދެއްގެ މީހުން ވަނީ ކޮންމެ މީހަކު ޕީޕީއެމަށް މެންބަޝިޕް އިތުރު ކޮށް ދިނުމުގެ ގޮތުން އާ މެންބަރެއްގެ ސޮޔާއި ފިންގާ ޕްރިންޓް ހިމެނޭ ގޮތަށް ރައީސަށް އަރުވާފަ އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މި ސިޓީގެ ފެނާއި، ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވާނެ އެވެ. ރައީސް ވަޑައިގަތުމާ ގުޅިގެން ފުވައްމުލަކުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭގަ އެވެ. ޖަލްސާ އޮންނާނީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލްގަ އެވެ.
އަށް އަވަށް އޮންނަ މި ރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމާއި، މިނިސްޓާ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެފެއާޒް މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
ގާތްގަނޑަކަށް ނުވަހާހަށްވުރެ ގިނަ މީހުންގެ އާބާދިއާކާއެކު ނާޒުކު ތިމާވެއްޓެއް އޮތް މި ރަށަށް ސިޓީއެއްގެ ދަރަޖަ ދިނީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. -- ފުވައްމުލަކުން: އައިޝަތު މާހާ