ނިމިގެން ދިޔަ އެވޯޑް ސީޒަނުގައި އެންމެ ގިނަ ބަޔަކު ސިއްސުވާލި މޫނަކީ އިނގިރޭސި އެކްޓަރު އެޑީ ރެޑްމެއިންކަން ޔަގީނެވެ. އޮސްކާ އާއި ގޯލްޑެން ގްލޯބްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރި ފުރަތަމަ ފަހަރުން މި ދެ އެވޯޑް ވެސް ގެންދިޔައީ އެވެ.
އެހެންވީމަ، ލިއަނާޑޯ ޑިކެޕްރިއޯ ދެން ފިލްމު ކުޅުން ހުއްޓާލަންވީ ނޫން ހެއްޔެވެ؟ އެއީ ސަމާސާއެކެވެ.
ކޮންމެއަކަސް، އޮސްކާ އާއި ގޯލްޑެން ގްލޯބް އަދި ބަފްޓާ އެވޯޑްސްގެ މޮޅު އެކްޓަރުގެ ގޮތުގައި ހޮލީވުޑަށް ނުކުމެ ރެޑްމެއިން އޭނާގެ އާދަޔާހިލާފު މަސައްކަތަށް ރުޖޫއަވެއްޖެ އެވެ. މިފަހަރު ވެސް އޭނާ ކުޅެނީ ލިއަނާޑޯ ޑިކެޕްރިއޯ މި އޮތްހާ ދުވަހު ކުޅުނު ރޯލުތައް "މެޓަޔަކަށް" ހަދާލާ ވަރުގެ ރޯލެއް ކަމަށް މީހުން އެބަ ބުނެ އެވެ.
އުމުރުން 33 އަހަރުގެ މި އެކްޓަރު، އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންދިޔައީ ޕްރޮފެސާ ހޯކިންގެ ހަޔާތުގެ މައްޗަށް އުފެއްދި "ދަ ތިއަރީ އޮފް އެވްރިތިން" ގައި ހޯކިންގެ ރޯލު ހަމަ އެ ފެންވަރުގައި ދައްކާލައިގެން އެތައް ބަޔަކު ރޮއްވާލައިގެންނެވެ.
މި ރޯލަށް ފަހު އޭނާ މިހާރު ކުޅެމުން ދަނީ ވެސް މަޝްހޫރު މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްގެ ލީޑް ރޯލެވެ. މި ފިލްމުގައި އޭނާ ކުޅޭ ރޯލަކީ ކޮބައިކަން ނުބުނެ މި ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން ބުނާ ހިސާބުން ވެސް ބެލުންތެރިން، ރެޑްމެއިން އަށް އަނެއް އޮސްކާ ދޭނެކަން ޔަގީނެވެ.
"ދަ ޑެނިޝް ގާލް" ގެ ނަން ދީފައިވާ މި ފިލްމަކީ ޓޮމް ހޫޕާގެ ޑައިރެކްޝަނެކެވެ. އޭނާ އަކީ "ދަ ކިންގްސް ސްޕީޗް" އިން އޮސްކާގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރެވެ.
ދެން މި އޮތީ "ޑެނިސް ގާލް" އާއި ރެޑްމެއިންގެ އާ ރޯލުގެ ވާހަކަ އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ލިލީ އެލްބީ ނަމަކަށް ކިޔާ ޑެންމާކުގެ ނިކަން މަޝްހޫރު ކުރެހުންތެރިއެއްގެ ރޯލެވެ.
ލިލީ އެލްބީ އަކީ ފިރިހެނެއްގެ ގޮތުގައި ދުނިޔެ އަށް އައިސް ޖިންސު ބަދަލުކޮށްގެން ދުނިޔެ އަށް އެންމެ ފުރަތަމަ މަޝްހޫރުވި މީހާ އެވެ. އެހެންވީމަ ރެޑްމެއިން ފެނިގެންދާނީ ފިރިހެނެއްގެ ރޯލުން އަންހެނަކަށް ބަދަލުވެގެންދާތަނެވެ.
މި ސަބަބާ ހެދި ވަރަށް ގިނަ ބަޔަކު ބުނަމުން ދަނީ މި ރޯލުން ވެސް ރެޑްމެއިން އޮސްކާ ގެންދާނެ ކަމަށެވެ. އެހެންވީމަ ލިއަނާޑޯ ޑިކެޕްރިއޯ ރިޓަޔާކޮށް، ގޭގައި މަޑުކޮށްލައްވަންވީ ނޫންތޯ އެވެ.
"ދަ ޑެނިޝް ގާލް" ނުކުންނާނީ އަންނަ އަހަރު އެވެ.