ވިޔަފާރި

ގޯލްޑް 100: ކުންފުނީގެ ނަން، ރަން އަކުރުން ފަވާލަން ރަނުގެ ފުރުސަތެއް!

Oct 11, 2016
  • ގޯލްޑް 100 ކުންފުނީގެ ލިސްޓު ބޭރުގެ ފެއާތަކަށް
  • ރާއްޖޭގައި މީގެ ކުރިން ކުންފުނިތައް ލިސްޓެއް ނުކުރޭ
  • ލިސްޓް ކުރުމުން ވިޔަފާރިއަށް އިތުރު ދޮރުތަކެއް ހުޅުވޭނެ

ކުންފުނީގެ ނަން އުފުލާލަން މި އޮތީ ރަނުގެ ފުރުސަތެކެވެ. އިންވެސްޓަރުންގެ ދުރުމިތައް ހަމަ ޔަގީނުން ވެސް މި ކަމުން ކުންފުންޏާ ދިމާލަށް އެނބުރިގެންދާނެ އެވެ. އެއީ "ކޯޕަރޭޓް މޯލްޑިވްސް" ގެ "ގޯލްޑް 100" ލިސްޓުގައި ކުންފުނި ލިސްޓުކޮށްގެންނެވެ. އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

"މި ލިސްޓު އަޅުގަނޑުމެން ޕަބްލިޝް ކުރުމަށްފަހު، ފޮތެއްގެ ސިފައިގައި ބޭރުގެ ފެއާތަކުގައި ވެސް ބަހާނެ. މިއީ ކުންފުނިތަކުގެ މައުލޫމާތު ބޭރު ފަރާތްތަކާ ހަމައަށް ގެންދަން ރަނުގެ ފުރުސަތެއް،" ރާއްޖޭގެ "ގޯލްޑް 100" ކުންފުނީގެ ލިސްޓު ތައްޔާރު ކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް ގެޓަވޭސްގެ، ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވި އެވެ.

ގޯލްޑް 100 ބަހާނެ ބޭރުގެ ފެއާތައް

  • އިންޑިޔާ އިންޓަނޭޝަނަލް ޓްރޭޑް ފެއާ
  • ހޮޓެލް އޭޝިޔާ ސިންގަޕޫރު
  • ޗައިނާ އެކްސްޕޯޓް އެންޑް އިމްޕޯޓް ފެއާ
  • ގަލަފް ފުޑް ދުބާއީ
  • މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް

ކޯޕަރޭޓް މޯލްޑިވްސްގެ މި ލިސްޓަށް ނަންތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކުންފުނިތައް ހޮވަނީ ދެ ފުށް ފެންނަ ޕްރޮސެސްއަކުންނެވެ. މިގޮތުން ކުންފުނިތައް ނަގަައި ލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ މަޝްހޫރު ލީގަލް ފާމެއް ކަމަށްވާ "ސީޓީއެލް ސްޓްރެޓަޖީ އެލްއެލްޕީ" އިންނެވެ.

"ގޯލްޑް 100" މަޖައްލާއެއްގެ ގޮތުގައި ވިޔަފާރިތަކުގެ ވެރިންނާއި، އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުންގެ އަތްތަކަށް ގެންގޮސްދޭނެ އެވެ. މީގެ އިތުރުން ބޭރުގެ ފެއާތަކުގައި ވެސް ބަހާނެ އެވެ. މިގޮތުން 5،000 ކޮޕީ ޕްރިންޓް ކުރާނެ އެވެ.

"ގޯލްޑް 100" ކުންފުނީގެ ގޮތުގައި ނަގާނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެވެ. ކުންފުނިތައް ހޮވުމުގައި މައިގަނޑު ހުރިހާ ވިޔަފާރިތަކަށްވެސް ކުރިމަތިލެވޭނެ އެވެ.