ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 26 މިލިއަން ޑޮލަރު ނުވަތަ 300 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގެ ފެނާ ނަރުދަމާ ނިޒާމް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ހިންގޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއަށް ވެގެންދާނެ ކަމަށެވެ.
"މި މަޝްރޫއަށް ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުން ވަނީ ފަށާފައި. ނެދަލެންޑް ސަރުކާރުންނާ ކުވޭތު ފަންޑުން އުންމީދީ އުންމީދީ ވާހަކަތަކެއް އެބަ ދައްކާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު އެމަނިކުފާނުގެ ޒައާމަތުގައި ފެށި އަދި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީއަށް ބޭނުންވާ ކަންތައްތައް އެނގިގެން ހިނގައްޖެ ކަމަށެވެ.
ފުވައްމުލަކު ސިޓީގެ އިރުމަތިން ބޮޑުބައެއް ވަނީ ގިރާލާފަ އެވެ. -- ފުވައްމުލަކުން: އައިޝަތު މާހާ