ސްރީލަންކާ

ލަންކާގެ ފައިނޭންޝަލް ސިޓީ ތަރައްގީ ކުރަން ޗައިނާއިން އިންޑިއާއަށް ދައުވަތު ދީފި

Oct 11, 2016

ޗައިނާއިން އިސް ނަގައިގެން ސްރީ ލަންކާގެ ކަނޑުގެ އައްސޭރި ސަރަހައްދުގެ ސިޓީ ގައި ގާއިމު ކުރާ މަލްޓި ބިލިއަން ޑޮލަރުގެ ފައިނޭންޝިއަލް ސިޓީ ތަރައްގީ ކުރުމުގައި ބައިވެރިވުމަށް ޗައިނާއިން އިންޑިއާ އަށް ދައުވަތު ދީފި އެވެ.

ލަންކާގެ މާލީ ހަބު ތަރައްގީ ކުރަން ޗައިނާއިން އިންޑިއާއަށް ދައުވަތު ދިނުމުން އެކަން ވެގެންދާނީ ސައިނޯ ހިންދޫ އިގްތިސޯދީ ގުޅުމުގެ ތެރެއިން ބޭރު ގައުމެއްގައި ދެ ގައުމުން އެކުގައި ކުރާ އެންމެ ބޮޑު އިންވެސްޓަށެވެ.

ލަންކާ ވެރިރަށް ކޮލަމްބޯގައި ކުރިއަށްދާ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޗައިނާއިން ލަންކާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފިރު ޔީ ޒިއާން ލިއަންގް ވިދާޅުވީ ވިދާޅުވީ އެ ޕްރޮޖެކްޓަކީ ހުޅުވާލެވިފައިވާ ޕްރޮޖެކްޓެއް ކަމަށާއި އެ ސިޓީ އިމާރާތް ކުރުމަށް އިންޑިއާ އަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"ލަންކާ އާއި ޗައިނާ ގުޅިގެން ހިންގަމުންދާ މި ޕްރޮޖެކްޓަށް ތިން ވަނަ ޕާޓީއަކަށް މަރުހަބާ ކިޔަން. އަހަރެމެން އިންޑިއާ އާ ވެސް އަދި އެހެން ގައުމަކާ ވެސް ދެކޮޅެއް ނޫން. ޗައިނާއިން މިހާރުވެސް އިންޑިއާ އާއެކު އެތައް ވިޔަފާރިގެ ގުޅުމެއް އެބައޮތް،" ޔީ ވިދާޅުވިއެވެ.

ލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު އޮފީހުން އެކަމާ ބެހޭގޮތުން ވިދާޅުވީ ފައިނޭންޝަލް ސީޓީގެ ތަފްސީލު އިންޑިއާއަށް އެހާ ބޮޑަށް އެނގިފައި ނުވާ ކަމަށާއި އިންޑިއާގެ ކުންފުނިތަކުން ލަންކާގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ސަރުކާރުން ބާރު އަޅާ ކަމަށެވެ.

"މިހާރުވެސް ލަންކާގައި އިންޑިއާގެ ކުންފުނިތަކުން ދަނީ އިންވެސްޓް ކުރަމުން. ޝައްކެއްވެސް ނެތް ލަންކާގައި އިންވެސްޓް ކުރުމަށް ތަނަވަސް ފުރުސަތު ތަކެއް ހުރި ނަމަ އިންޑިއާގެ ކުންފިތަކުން އަންނާނެ" އިންޑިއާގެ ހައިކޮމިޝަނަރު އޮފީހުގެ ފަސްޓް ސެކެޓްރީ އިޝާ ސްރިވަސްތާ ވިދާޅުވިއެވެ.