ހަބަރު

ނަޝީދުގެ ބަންދު އަމުރު އިސްތިއުނާފް ކުރަން ދަށު ކޯޓުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފް ކުރަން ކްރިމިނަލް ކޯޓުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ އަމުރު އިސްތިއުނާފް ކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހު ނަޝީދުގެ ވަކީލުންގެ މަސައްކަތް ފެށި ނަމަވެސް އިސްތިއުނާފް ކުރަން ހުށަހަޅަންޖެހޭ ފޯމް ދޫކުރުމުގައި ކްރިމިނަލް ކޯޓުން ލަސްކޮށްފައިވާ ކަމަށެވެ. އަދި އެ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން ވެސް މިހާތަނަށް ވެސް އޭގެ ލިޔުންތައް ކްރިމިނަލް ކޯޓުން ހައި ކޯޓަށް ފޮނުވާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ސާކިއުލާ ބުނާގޮތުން އިސްތިއުނާފް ކުރަން އެ މައްސަލައެއް ނިންމި ކޯޓަކަށް ފޯމް ހުށަހެޅުމުން އޭގެ ލިޔުންތައް އިސްތިއުނާފީ ކޯޓަށް ފޮނުވާނީ ވެސް އެ މައްސަލައެއް ނިންމި ކޯޓަކުންނެވެ.

އެ ބަޔާނުގައިވަނީ ނަޝީދަށް ވަކީލަކު ހޯދުމުގަޔާއި އިސްތިއުނާފް ކުރުމުގެ ހައްގުން އެމަނިކުފާނު މަހްރޫމް ކުރުމަށް ކްރިމިނަލް ކޯޓުން ދަނީ އިދާރީ ގޮތުން ދަތިތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އެމަނިކުފާނު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ވެސް ވަކީލެއްގެ އެހީތެރިކަން އެމަނިކުފާނަށް ނުލިބޭކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ޤާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންކުރުމުގެ ޙައްޤާއި އިސްތިއުނާފުކުރުމުގެ ޙައްޤަކީ އިންސާފުވެރި ޝަރީޢަތަކަށް ބޭނުންވާ އެންމެ އަސާސީ ޙައްޤުތަކެވެ. އަދި މި ޙައްޤުތަކުން ރައީސް ނަޝީދު މަޙުރޫމުކުރުމަކީ ޤާނޫނު އަސާސީއާއި ޝަރީޢަތްކުރުމުގެ ހަމަތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފުކަމެއްކަން ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

ނަޝީދުގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މިރޭ 8:00 ގައި ބާއްވަން ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.