ރައީސް އަބްދުﷲ ޔާމީން

ސިފައިންގެ އިސް ވާޖިބަކީ ދީނާއި ގައުމު ދިފާއުކޮށް ގުރުބާންވުން: ރައީސް

Oct 12, 2016
5

އެންމެ މަތިވެރި ގުރުބާނީއަކަށް ވާނީ ގައުމާއި ރައްޔިތުންނާއި އިސްލާމް ދީނުގެ ދިފާއުގައި ނަފުސާއި ހަށިގަނޑު ގުރުބާންކުރުން ކަމަށާއި، އެއަށްވުރެ މަތިވެރި ގައުމީ ވާޖިބެއް، މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށް ‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ސިފައިންނަށް ހަނދާންކޮށް ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންމިއަދު ހެނދުނު ބަންޑާރަކޮށީގަ އެވެ.

ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާނީ އިސްލާމްދީން ގައުމާއި ރައްޔިތުން ދިފާއު ކުރުމާއެކު އަމިއްލަ ވެރިކަމެއް ދިފާއު ކުރުމާއި ހިމާޔަތް ކުރުން ކަމަށެވެ. އެއީ ސިފައިންގެ މައްޗަށް ގާނޫނު އަސާސީން މަތިކުރާ އެންމެ ވަރުގަދަ ޒިންމާ އާއި މަސްޢޫލިއްޔަތު އަދި އަމާނާތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަމިއްލަ ވެރިކަމެއް ދިފާއު ކުރުމަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކޮށް، އަދާވާތްތެރިންގެ މައްޗަށް ގަދަވެގަނެ، އަދާވާތްތެރިންގެ ފަރާތުން ގައުމު ދިފާއުކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ ސިފައިންނަކީ އަބަދުވެސް ސިފައިންގެ ތެރޭގައި އެކަށައަޅާފައި އޮންނަ ކޯޑް އޮފް އެތިކްސް އާއި، އަދި ސިފައިންގެ ކޮމާންޑަރުންގެ އަމުރުތަކަށް ފުރިހަމައަށް ކިޔަމަން ވާންޖެހޭނެ ބައެއްކަން ހަނދާންކޮށްދެއްވާ ކަމަށެވެ. އަދި ސިފައިންނަކީ ހާއްސަ އަހުލާގަކާއި ހާއްސަ ސިފަތަކެއް ހިމެނޭ ބަޔަކަށް ވާތީ، ޤާނޫނުއަސާސީގައި ސިފައިންގެ މައްޗަށް މަތިކުރާ ވަރަށް ވަރުގަދަ ޒިންމާތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.