އޭނާ ޖިމަށް އަންނަނީ ކޮންމެ ދުވަހަކު، ވިލިމާލޭ އިންނެވެ. ވިލިމާލެ ފެރީ ޓާމިނަލުން ފައިބައިގެން އޭނާ ޖިމަށް އަންނަނީ ހިނގާފައެވެ. އެނބުރި ޖިމް ނިންމާފައި ހިނގާފައި ގޮސް ވިލިމާލޭ ފެރީ ޓާމިނަލަށެވެ. ހޭމާގެ އޮފިޝަލުންނަށް މިޒުވާނާ ފާހަގަ ކުރެވުނީ ޑެޑިކޭޓެޑް ޑިސިޕްލިން ޒުވާނެއްގެ ގޮތުގައެވެ. މިއީ މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަހްމަދު ރިފްއާން ރަޝީދެވެ. މިހާރު އޭނާ އަކީ މަލޭގައި ހުރި އެންމެ މަޝްހޫރު ޖިމް ހެމާގެ އެމްބަސެޑަރެވެ.
"އެމްބަސެޑަރަކަށް ރިކޮގަނައިޒުވުމުން ރިފްއާން ކުރިއަށް އޮތް ފަސް އަހަރަށް ޖިމްގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ. އަދި އޭނާ ޗޫސް ކުރާ ޖިމް އިންސްޓާރަކްޓަރުންގެ ތެރެއިން އިންސްޓްރަކުޓަރަކު އޭނާގެ ޓްރެއިނިން އަށް ހާއްސަ ކުރެވޭނެ،" ހެމާގެ ޖެނަރަލް މެނޭޖާ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ފަސް އަހަރުގެ މި އެއްބަސްވުމާއެކު ހެމާއިން ވަނީ ރިފްއާން އަށް ޕްލޭނެއްވެސް އެކުލަވާލާފައެވެ.
"ފުރަތަމަ އަހަރު ނިމޭއިރު އޭނާ ޖެހޭނެ މުބާރާތްތަކުގައި ވާދަ ކުރަން. އަދި މިދާއިރާއިން ކިޔެވުމުގެ ފުރުސަތުވެސް ފަހިކޮށްދޭނަން މިފަސް އަހަރު ނިމޭއިރު އޭނާ ވެގެންދާނީ ރައްޖޭގެ ފިޓްނަސްގެ ދާއިރާގެ ބްރޭންޑަކަށް،" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މިހާރު ސީއެޗްއެސްސީ ގައި ކިޔަވަމުންދާ ރިފްއާނަށް މިފުރުސަތު ހެމާއިން ތަނަވަސްކޮށްދިނީ ޒުވާނުންނަށް މިފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުންނެވެ.
"މިއީ ރިފްއާންގެ ޑެޑިކޭޝަން. ވަރަށް ޑިސްޕލިން ބާރަބަރަށް ޖިމަށް އަންނާނެ. މި ވޭތުވެދިޔަ ހަމަސްތިރޭ އޭނާ ވަނީ މިކަމަށް ހުރި ޝާއުގުވެރިކަން ސަބިތުކޮށްދީފަ."
ރިފްއާން ބުނީ ހެމާގެ އެމްބަސެޑަރަކަށް ވުމަކީ ލިބުނު އުފަލެއް ކަމަށާއި ހެމާގެ އެމްބަސެޑަރެއްގެ ގޮތުގައި އޭނާގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ.
"މިއީ ވަރަށް ބޮޑު އުފަލެއް. ފަސް އަހަރު ދުވަހަށް ޕްލޭންއާކާއެކު ޓްރޭން ވުމުގެ ފުރުސަތު މި ލިބުނީ ފަސް އހަރުގެ މި މަސައްކަތް ފުރިހަމަ ކުރާނަން،" ރިފްއާން ބުންޏެވެ.