ލައިފްސްޓައިލް

މަސްދަތުރު ދިއުމަކީ ދެވިހިފާ ކަމެއް ދޯ؟

މަސްދަތުރަކު ގޮސް އަލަށް މަހެއް ބޭނޭ ވަގުތަކީ ކޮންމެ މީހަކަށްވެސް އުފާވެރި އިހުސާސެއް ކުރެވޭނެ ވަގުތެކެވެ. މިއީ ކަން ކޮންމެ ދިވެއްސެއްގެ ހަޔާތުގައި ވެސް މުހިންމު ތަޖުރިބާއަކަށް ވާނެ އެވެ. ފުރަތަމަ ބުޅީގައި އެންގަނޑު އަޅައި އެއްލާ ވަގުތުން މަހެއް ބޭނުނަސް ނުބޭނުނަސް މަހެއް ބޭނޭތޯ އިރުގަނޑެއް ވަންދެން އިނދެވޭނެ އެވެ. މަސް ދަތުރުގައި ގޮސް މާ ގިނަ މަސް ނުބޭނުނަސް ދެން އޮތް ހަފުތާގައި ވެސް މަހަށް ދަނީ އެވެ. ނައިޓް ފިޝިން ނޫނީ ރައްޓެހިންނާއެކު ކެއޮޅުކަމު ދިއުން މިއީ ދެވިހިފާ ވެސް ކަމެކެވެ.

ނަނު އެއްލާ ކޮންމެ ފަހަރަކީ މަހެއް ބާނަން ލިބޭ ފުރުސަތެކެވެ. މި ފަހަރު ގަންނާނީ ކޮންކަހަލަ މަހެއްތޯ އާއި ކަމަށް ދެވިހިފާފައިވާ ވަރުން މަހެއް ބާނަން އިންތިޒާރުގައި ހޭދަ ކުރާ ވަގުތަކީ ކެތްތެރިކަމާއި އިންތިޒާރުގެ ވަގުތަކަށް ވެއެވެ.

ވަދާ ދިއުމާއި ކެއޮޅު ކަމުގެ މަސްދަތުރުތައް ހާއްސަވާ އަނެއް ސަބަބަކީ އެ ދަތުރަށް ހާއްސަކޮށްގެން ގެންދާ ކެއުންގަނޑުގަނޑެވެ. މަސްދަތުރަކު ދާނަމަ އެންމެ ކަމުދަނީ ބާނާ މަސް ދޯނި މަތީގައި ފިހެލައިގެން ތާޒާކޮށް ކާލެވެންޏާ އެވެ. އޭރަށް މަސް ދަތުރު ވަރަށް ފުރިހަމަވީ އެވެ.

ދަތުރުގައި މަހެއް ނުބޭނުނަސް ދޯނި މަތީ ސައިބޯލަން ގެންދާ ބޯކިބަލާއި ހަފާލަންގެންދާ ކުދިގުޅަ ދަޅާއި، ކާއްޓާއި މަހާއި އަދި ބަނަސްތަކާއި މިހެންވެސް ގޮސް ނަންހުސްކޮށް އެކި އެކި ހެދިކާ އާއި މޭވާތައް އޮވެ އެވެ. އަދި ދުފާދަޅާއި، ކޮންމެހެން ވެސް ގެންދަންޖެހޭ ފިނިބުއިންތައް ވެސް ހުރެ އެވެ.

މަސް ބާނަން ދެވި ހިފާވަރުން މާލޭގެ މޫންލައިޓް ހިނގުމުގެ ކުރިމައްޗަށް އޮންނަ އަކިރި ގަނޑުމަތީގައި ދޮށި އަޅައިގެން ވެސް މީހުން ތިބެ އެވެ. އަދި މި ފަހުން މާލޭގެ ހުޅަނގު ފަރާތުން މޭރީ ބްރައުން ސަރަހައްދު ކައިރީ ތޮށިގަނޑުމަތީ މަސް ބާނާ މީހުން ގިނަވެފައިވެ އެވެ. އެ ސަރަހައްދުގައި މުށިމަސް އައިނެއް އޮވެ އެވެ. އެ ސަރަހައްދުގައި މެދު އުމުރުގެ އަންހެނުން ވެސް ދޮށި އަޅައިގެން ތިބެ އެވެ.

މަސްދަތުރަކީ ގިނަ މީހުންނަށް ތަފާތު ތަޖުރިބާ އެކެވެ. ބައެއް މީހުން ބޯއަނބުރާ ގޮތްވެ އެވެ. އަދި ބައެއް މީހުން ހޮޑުލަވާ ގޮތް ވެއެވެ. އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި މަސްދަތުރު މަގުބޫލުވަނީ ގުޅުން ބަދަހި ކުރުމަށާއި އޮފީސް މާހައުލު ނޫން މާހައުލަކުން ދިމާވެލައި އެއްމެން އެއްކޮށް މަޖާކޮށްލެވޭ ފުރުސަތަކަށް ވާތީ އެވެ.

މަސްދަތުރެއް ނުދެވިގެން އަބަދުވެސް ރާވާ ރާވާލާ ތިބޭ މީހުން ވެސް ގިނަ އެވެ. ހަފުތާ ބަންދުވާއިރަށް "ކޮން އިރަކު މަސްދަތުރު؟" މިއީ އޮންނަ ސުވާލެކެވެ. ދެވިހިފުމުން ދެން މަސްދަތުރުގައި ދަނީ ކޮން ދުވަހުކުތޯ ބެލެ އެވެ.