ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމައި އެކަމަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ. ނިންމުން ނިންމީ އިރު، އެ ޖަމްއިއްޔާގެ އެންމެ ބާރު ގަދަ ގުނަން، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައި، ރާއްޖެ އެ ޖަމާއަތުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ކެބިނެޓުން އެގޮތަށް ނިންމި ނަމަވެސް، ރާއްޖެއަށް ކޮމަންވެލްތުން ވަކިވެވޭނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ފާސްކޮށްގެންނެވެ.
ރައީސް އޮފީހުގައި އެކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު، މުހައްމަދު އާސިމް މިއަދު ވިދާޅުވީ މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމަން ޖެހުނީ، ރާއްޖެ ކުޑަ ގައުމަކަށް ވާތީ، ކޮމަންވެލްތްގެ ޗާޓަރުތަކާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމާ އެ ޖަމާއަތުން ބެހި ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަމުން އިންތިހާއަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ކެބިނެޓުން ނިންމުމާ އެކު އެކަން ކޮމަންވެލްތަށް އެންގުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ. އަނިލް ވެސް ވިދާޅުވީ ކޮމަންވެލްތުން ރާއްޖޭގެ ކަންކަމުގެ ތެރެއަށް އިންތިހާއަށް ނުފޫޒު ފޯރުވައި ދާހިލީ ކަންކަމާ ބެހެމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަށް އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ގެއްލުންވަމުން އަންނަކަން އަނިލް ފާހަގަ ކުރެއްވި އެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވާން މި ނިންމީ 34 އަހަރަށް ފަހު އެވެ. ރާއްޖެ ކޮމަންވެލްތާ ގުޅުނީ، 1982ގަ އެވެ. ރާއްޖެ ކޮމަންވެލްތްގައި އޮތުމާ މެދު ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން އެދިވަޑައިގެންފައި ވެސްވެ އެވެ. އެހެން ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މަޖިލީހުން ގޮތެއް ނިންމާފައެއް ނުވެ އެވެ.