ހަބަރު

އިނގިރޭސިވިލާތާއެކު ގާތްކަން އޮންނާނެ: މިނިސްޓަރު

ރާއްޖެ، ކޮމަންވެލްތުން ވަކިވި ނަމަވެސް އެ ޖަމިއްޔާގެ އެހެން ގައުމުތަކާއި އިނގިރޭސިވިލާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އަދިވެސް ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ. ކޮމަންވެލްތުން ވަކިވާން ކެބިނެޓުން ނިންމީ މިދިޔަ ހަފުތާގަ އެވެ.

"ދަ އިންޑެޕެންޑެންޓް" އަށް ފޮރިން މިނިސްޓަރު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، ކޮމަންވެލްތާ ރާއްޖެ ގުޅުނު ދުވަހުން ފެށިގެން ވެސް އެ ޖަމިއްޔާގެ ޗާޓަރުގެ ތެރެއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވާލުމަށް ކޮމަންވެލްތުން އެހީވި ކަމަށެވެ. އަދި މުއައްސަސާތައް ހަރުދަނާކުރުމަށް ވެސް ކޮމަންވެލްތުން އެހީވެފައިވާ ކަމަށް މިނިސްޓަރު ލިޔުއްވާފައިވެ އެވެ. އެހެންނަމަވެސް ކޮމަންވެލްތުގައި މިހާރު ކުދި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގައި ރާއްޖެއަށް ސިޔާސީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރުގެ އެ ލިޔުއްވުމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ލިޔުއްވާ ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި މުއައްސަސާތައް އަދި އޮތީ ޅަފަތުގަ އެވެ. އަދި ކޮމަންވެލްތުން ރާއްޖެއާމެދު ގޮތްތައް ނިންމުމުގައި ރާއްޖޭގެ އެފަދަ ހާލަތްތަކަށް ބަލާފައިވާ މިންވަރު ކުޑަ ކަމަށް އެ ލިޔުއްވުމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ބަދަލުގައި ކޮމަންވެލްތުގެ އަމާޒު ހުރީ ރާއްޖެއާމެދު ފިޔަވަޅު އަޅަން ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ލިޔުއްވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެއަކީ ބޭރަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހާލަތު ބެލުމުގެ ފުރުސަތު ފަހިކޮށް ހުޅުވިފައިވާ ކަމަށެވެ. އެ ފުރުސަތު ރާއްޖޭގައި ސިޔާސީ ގޮތުން ހަލަބޮލިކަން އައި ދަނޑިވަޅުގައި ވެސް އޮތްކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާއި މަދަނީ މުޖުތަމައު އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައި ވެއެވެ.

"... އެހެނަސް މިއީ އާ ކަމެއް ނޫން، މިފަދަ މައްސަލަތައް އޭޝިއާއިން ފެށިގެން އެފްރިކާ އަދި ސައުތް ޕެސިފިކްގައި ވެސް އެބަ އޮތް، ގިނަ މެންބަރު ގައުމުތަކުން ވެސް ވަނީ ސިޔާސީ ހަލަބޮލިކަން ފަދަ ކަންކަން ތަޖުރިބާކޮށްފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮމަންވެލްތަށް ރާއްޖެއަށް އަންނަ ތަރައްގީ ވެސް ފެންނަން ޖެހޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން ތިން އަހަރު ތެރޭގައި އެތައް ގާނޫނެއް އިސްލާހުކޮށް، ކޮމަންވެލްތްގެ ޗާޓަރުގެ ތެރޭގައި ހިމެނޭ އުސޫލުތައް ނެގެހެއްޓުމަށް ވެސް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ބާރުތައް ވަކިކުރުމަށް ވެސް 69 ގާނޫނަކަށް އިސްލާހު ގެނެސްފައިވާނެ ކަމަށެވެ.

"މިއީ ތަރައްގީ ނޫން ދެން ކޮން އެއްޗެއް ކަމެއް އަޅުގަނޑަކަށް ނުވިސްނޭ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، ފިޔަވަޅު އެޅުމުގެ އިތުރުން ގައުމު ތަރައްގީކޮށް ދިނުމަށް ވެސް ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ހަނދާން ނެތިފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އިނގިރޭސިވިލާތުން ރާއްޖެއަށް ކޮށްދިން ކަންކަމުގެ މަތިން ހަނދާން ނުނެތޭނެ ކަމަށާއި އަބަދުވެސް ރަހުމަތްތެރިކަމުގެ ގުޅުން އިނގިރޭސިވިލާތާއެކު ބާއްވާނެ ކަމަށެވެ.