ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ހިތާމަކުރައްވާ ކަމަށާއި އެއީ ވަރަށް ދެރަކޮށްވި ކަމެއް ނަމަވެސް ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެ އާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް އިނގިރޭސި ފޮރިން މިނިސްޓަރު، ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވީ ކޮމަންވެލްތްގެ ޗާޓަރާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމާ އެ ޖަމާއަތުން ބެހި ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަމުން އިންތިހާއަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފޮރިން ސެކެޓްރީ ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން އިންތިހާބުވި ރައީސް އިސްތިއުފާ ދެއްވި ފަހުން ރާއްޖޭގެ ރަށްތަކުގެ ހާލަތު ބަލަން ކޮމަންވެލްތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ އިނގިރޭސި ވިލާތުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. ކޮމަންވެލްތަކީ މެމްބަރު ގައުމުތަކުގެ ހާލަތު ރަނގަޅުކުރަން މަސައްކަތްކޮށް ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތްކުރާ މިނިވަން ޖަމިއްޔާއެއް. އަދި ސުލްހަ އާއި އަމާންކަން ފަތުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް. ރާއްޖެ ކޮމަންވެލްތުން ވަކިވުމުން އަހަރުމެން [އިނގިރޭސި ވިލާތް] އެކަމާ ހިތާމަ ކުރަން،" ފޮރިން ސެކެޓްރީގެ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިނގިރޭސި ވިލާރާއި ކޮމަންވެލްތުން އަދިވެސް ރާއްޖެއާއެކު މަސައްކަތް ކުރާނެ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތް ކޮށްދޭނެ ކަމަށެވެ.
ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ބާނޯސް ސްކޮޓްލޭންޑް ވެސް ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ހިތާމަކުރާކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކަކީ އެއް އާއިލާއެއް ކަމަށާއި މި ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.