ހަބަރު

ގާނޫނީ ދާއިރާ ކުރި ނާރަނީ ވަކީލުން ސިޔާސީ ވާތީ: އޭޖީ

  • ބައެއް ވަކީލުން އުޅެނީ އަމިއްލަ ސިޔާސީ އެޖެންޑާގައި
  • ވަކީލުންގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭ
  • ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ވަކީލުންނަށް ދަތިވޭ

ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެއް ހުރަހަކީ، ވަކީލުން އެ މީހުންގެ ސުލޫކީ މިންގަނޑުން ބޭރުވެ، އަމިއްލަ ސިޔާސީ އެޖެންޑާތައް ކުރިއަށް ނެރެގެން މަސައްކަތް ކުރާތީ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވަކީލުން ސިޔާސީ ވަކި ވިސްނުމެއްގައި މަސައްކަތް ކުރާހާ ހިނދަކު ގާނޫނީ ދާއިރާއަށް ކުރިއެރުމެއް ނުލިބޭނެ އެވެ.

މުޅިން އަލަށް، ވަކީލުކަން ކުރުމުގެ ހުއްދަ ލިބުނު 134 ފަރާތްތެއް ވަކީލުކަމުގެ ހުވާ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި އޭޖީ އަނިލް ވިދާޅުވީ، ރާއްޖޭގައި ވަކީލުންގެ އަދަދު 1،000 ގައި އުޅޭ އިރުވެސް އެ މީހުންގެ އެހީތެރިކަން ގާނޫނީ ދާއިރާއަށް އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަމަށެވެ. އެހެން ވާން ޖެހެނީ އަނިލް ވިދާޅުވި ގޮތުގައި ވަކީލުންގެ މެދުގައި އޮންނަން ޖެހޭ އެއްބައި ވަންތަކަމާއި ސުލޫކު ނެތުމުގެ ސަބަބުންނެވެ.

އަނިލް ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖެއަށް އަންނަން ފެށި ބަދަލުތަކާ އެކު ވަކީލުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީތަކުގެ އެކި މަގާމުތަކަށް ވަޑައިގެން ވަކީލުންގެ ނަމުގައި ސިޔާސީ ފިކުރުތައް ކުރިއަރުވައި އެ ކަންކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ ކަމަށް އޭޖީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފަދަ ވަކީލުންނަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތެއް އެކަށީގެންވާ ގޮތެއްގައި ނުލިބޭނެ އެވެ.

"ބައެއް ބޭފުޅުން އަމިއްލަ އެޖެންޑާ އެބަ ކުރިއަށް ނެރުއްވާ. ގާނޫނީ ވަކީލުން ކަމަށް ވިދާޅުވެ. އެފަދަ ބޭފުޅުން ސިޔާސީ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އެ ބޭފުޅުންގެ ސިޔާސީ ފިކުރާ އެކު ގާނޫނީ ވަކީލުންގެ ފަންނު ކުރިއެއް ނާރާނެ،" އަނިލް ވިދާޅުވި އެވެ. "އެފަދަ ބޭފުޅުންނަށް ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތެއް ނުކުރެއްވޭނެ،"

އަނިލް ވިދާޅުވީ ގާނޫނީ ވަކީލުން ހަމައެކަނި ވާން ޖެހޭނީ ކޯޓުތަކުގައި ވަކާލާތު ކުރާ ބަޔަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނުތައް ޑްރާފްޓް ކުރުމާއި ގާނޫނީ ލަފާ ދިނުމާއި ގާނޫނުތައް ދިރާސާ ކުރުން ފަދަ މަސައްކަތްތައް ވެސް ވަކީލުން ކުރަން ޖެހޭ ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި މަސައްކަތް ކުރާނެ ވަކީލުން ނުލިބުމަކީ ވެސް އޮތް ގޮންޖެހުމެކެވެ. އަތޮޅުތެރޭގައި ވެސް މަސައްކަތް ކުރަން ވަކީލުން ދިޔުމަށް ވެސް އޭޖީ މިރޭ ގޮވާލެއްވި އެވެ.

"އެއަށްވުރެއް ތިބޭފުޅުންގެ ބޭނުން މިހާރު މާ ބޭނުންތެރިވާނެ. އެހެންކަމުން ގާނޫން ޑްރާފްޓު ކުރުމާއި ގާނޫނީ ލަފާދިނުން އަދި މިނޫނަސް އެކި ދާއިރާތަކުގައި ފުރުސަތު އެބައޮތް،" އަނިލް ވިދާޅުވި އެވެ. "އަޅުގަނޑުގެ އިލްތިމާސްއަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިއްތަވައި ރާއްޖޭގެ ގާނޫންތައް ރައްކާތެރިކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދެއްވާށޭ. އަދި ތިބޭފުޅުންގެ މައްސޫލިއްޔަތު އަދާ ކުރެއްވުމުގައި އަމާނަތްތެރިކަމާއި އެކު އަދާ ކުރެއްވުމަށް ދެމި ތިއްބަވާށޭ،"

މީގެ އިތުރަށް ވަކީލު ކަމުގެ ދާއިރާއަށް އަންހެނުން ނިިކުންނަ މިންވަރު އިތުރުވެފައި ވާތީ އެއީ ކާމިޔާބެއްގެ ގޮތުގައި ވެސް އަނިލް ފާހަގަކުރެއްވި އެވެ. މިރޭ ހުވާކުރި ވަކީލުންގެ ތެރެއިން ވެސް 60 ޕަސެންޓަކީ އަންހެން ބޭފުޅުންނެވެ.