ޕީޕީއެމް

ޕީޕީއެމް ކެންޑިޑޭޓެއް އަތުން ފީއެއް ނަގާފައި ނުވާނެ: މުންދު

ޕީޕީއެމްއިން ކުރިމަތިލާ އިންތިހާބެއްގައި ބައިވެރިވި އެއްވެސް ކެންޑިޑޭޓެއް އަތުން ފީއެއް ނަގާފައި ނުވާނެ ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި ރާއްޖެ ފަރާތުން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ޕީޕީއެމް ފަރާތުން ވާދަކުރި ކެންޑިޑޭޓުން އަތުން ފީއެއް ނަގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ސިޓީއަކާ ގުޅިގެން ނެވެ.

ޕީޕީއެމް އިން މިއަދު ދަރުބާރު ގޭގައި ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި މުންދު ވިދާޅުވީ އެފަދަ ތުހުމަތުތަކެއް 2014 ވަނަ އަހަރު އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވެސް ކުރި ކަމަށާއި ނަމަވެސް އެއްވެސް ކެންޑިޑޭޓެއް އަތުން ފައިސާއެއް ނަގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް ހަރަދުކޮށްފައި ވާނީ އެ ޕާޓީގެ ތެރެއިން ހަރަދުކޮށްގެން ކަމަށެވެ.

"ޕާޓީގެ ކެންޑިޑޭޓުން އަތުން ފައިސާ ނެގިކަން ސާބިތު ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެއީ އަޅުގަނޑަކީ އެ ބުނާ ކޮމެޓީގައި މަސައްކަތް ކުރި މީހެއް. ފައިސާއެއް ނޯންނާނެ ޕާޓީން ނަގާފައެއް،" މުންދު ވިދާޅުވި "ކެންޑިޑޭޓުންގެ އަތުން ފީއެއް ނަގާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ އަބްދުއްރަހީމްގެ އަބުރަށް ހުތުރުވާ ގޮތަށް ދައްކާ ވާހަކައެއް. އޭރު އެ މަސައްކަތް ކުރެއްވީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބެއްލެވުމުގެ ދަށުން،"