ދިރާގު

ދިރާގު ރޯޑް ރޭސްގައި ބައިވެރިވާން ހުޅުވާލައިފި، މިފަހަރު ހުޅުމާލޭގައި!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ މިއަހަރުގެ ދިރާގު ރޯޑް ރޭސް އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހުގައި ކަމަށާއި މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ކަމަށެވެ. އަދި އެ ރޭހުގައި މިއަހަރު 3000 ދުވުންތެރިންނަށް ހުޅުވާލާފައިވާނެ ކަމަށާއި މީގެ އިތުރުން ފަސް ކިލޯ މީޓަރާއި 10 ކިލޯމީޓަރުގެ ރޭހުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހު އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މިއަހަރުގެ ޝިއާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް މާލޭގައި ބާއްވާ ރޯޑްރޭސް މިފަހަރު ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ އިރު، މާލޭގެ މަގުތަކުން ތޮއްޖެހުމާއި މަގުތައް ބަންދުކުރުމުން ހިނގައި އުޅުމަށާއި ދަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވާތީ ފުލުހުން ވަނީ މާލޭގައި އެ ރޭސް ނުބޭއްވުމަށް އެ ކުންފުނި އަރިހުން އެދިފައެވެ.

މިއީ ދިރާގުން ރޯޑް ރޭސްބާއްވާތާ 10 ވަނަ އަހަރެވެ. އަދި މިރޭހަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) އިން ފާސްކޮށް ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައިނަލް އަގުއާމީ ރޭހެވެ.