ތިމާވެށި

ވީގޮތަކީ ކަނޑުތައް ހަޑިވުމުން ދިރާގު މާދެރަވީ!

Oct 16, 2016
4
  • ލޮބީއަށް ކުނި އެޅީ ސޯޝަލް އެކްސްޕެރިމެންޓަކަށް
  • މިއަދު ލޯންޗް ކުރީ "ފޯ ދަ އޯޝަންސް" ކެމްޕޭން
  • ރިސައިކަލް ކުރަން ޕްލާސްޓިކް އެކްސްޕޯޓް ކުރާނެ

މިއަދު ހެނދުނު ވެގެން ދިޔައީ ދިރާގުގެ މުއައްޒަފުންނާއި ކަސްޓަމަރުންނަށް ވަރަށް އާދަޔާހިލާފު ދުވަހަކަށެވެ؛ ހެނދުނު މުއައްޒަފުންނާއި ކަސްޓަމަރުން ދިރާގު ހެޑް އޮފީހަށް ވަނުމުން ފެނިގެން ދިޔައީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ކުނި އުކާ ސަރަހައްދެކޭ ދިރާގު ހެޑް އޮފީހުގެ ލޮބީއަށް ކުނި ބަންޑުން ކޮށްލާފައި މުޅި ލޮބީ ވަނީ ޕްލާސްޓިކް ކުނިން ފުރާލުމުންނެވެ.

މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ތިމާވެއްޓާ ރައްޓެހިވާން ދިރާގުން ކުރިއަށް ގެންދިޔަ ސޯޝަލް އެކްސްޕެރިމެންޓެކެވެ. މި ކަން މި ގޮތަށް ރާވާ ކުރިއަށް ގެންދިޔައީ ތިމާވެއްޓަށްޓަކައި ހާއްސަ މެސެޖެއް ފޯރުކޮށްދިނުމަށެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގެ މައްޗައް އެތައް ހާސް ޕްލާސްޓިކް ކޮތަޅު އެތެރެ ކުރާއިރު އެ ކޮތަޅުތަކަކީ އެއްފަހަރު ބޭނުންކޮށްލުމަށްފަހު އުކާލެވޭ ކޮތަޅުތަކެކެވެ. ގިނަ ފަހަރަށް މި ކޮތަޅުތައް އުކާލެވެނީ ކަނޑަށެވެ. ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު މިއަދު ފެށީ ކަނޑުތަކަށް ކުނި އެޅުމުގެ ނުރަނގަޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ސޯޝަލް އެކްސްޕެރިމެންޓެކެވެ.

އެއާއެކު ދިރާގުން "ފޯ ދަ އޯޝަންސް"ގެ ނަމުގައި މިއަދު ވަނީ ކެމްޕެއިނެއް ލޯންޗް ކޮށްފަ އެވެ. މި ކެމްޕެއިނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށްޓަކައި ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ލޯންޗް ކޮށްދިނީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރު އަދި ދިވެހިންގެ މަޤްބޫލު ކަން ލިބިފައިވާ މަޝްހޫރު އެތްލީޓް އަބްދުލްގަފޫރު އަލީ (ގައްބެ) އެވެ.

ދިރާގުގެ މި ކެމްޕެއިން ގެ ދަށުން ދިރާގުން މުއައްޒަފުންނާއި ކަސްޓަމަރުންނަށް ވަނީ ކަންތައްތަކެއް ރާވާފަ އެވެ. މީގެ ތެރޭގައި ދިރާގުގެ ހުރިހާ މުއައްޒަފުންނާއި ދިރާގަށް ޒިޔާރަތްކުރާ ހުރިހާ ކަސްޓަމަރުންނަށް މުޅިން ހިލޭ ރި-ޔޫސަބަލް ކޮތަޅެއް ދޭނެ އެވެ. އަދި ސްކޫލް ކުދިންނަށް އަމާޒުކޮށް މި ކޮތަޅުތައް ބޭނުން ކުރުމުގެ މުހިންމުކަން އަންގައިދިނުމަށް އެކި ހަރަކާތްތައް ރާވައި ފަޅު ތެރެ ސާފުކުރުމުގެ ހަރަކާތްވެސް ކުރިޔަށް ގެންދާއިރު ދިރާގުގެ ހުރިހާ އޮފީހެއްގައި ޕްލާސްޓިކް އެއްކުރާ ތަނެއްވަނީ ހަދައި އެއްކުރެވޭ ޕްލާސްޓިކް ރީސައިކަލް ކުރުމަށްޓަކައި އެކްސްޕޯޓް ކުރާނެ އެވެ.

"އަޅުގަނޑުމެންގެ ގެ، ނުވަތަ އޮފީސް މި ގޮތައް ހަޑި ވެފައި ހުންނަ މަންޒަރު ފެނުމުން ވަރަށްވެސް ފުން އަސަރު ތަކެއް ކޮށް އެތައް ތަކުލީފެއް އުފުލަން ޖެހޭ. ހަމަ މި އަސަރު އަޅުގަނޑުމެންގެ ކަނޑުތަކަށް ކުނި އެޅުމުންވެސް ކުރަންޖެހޭނެ،" ދިރާގުންގެ އިސްވެރިޔަކު މިއަދު ވިދާޅުވި އެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދެއް ނޫނެވެ. އެއްފަހަރު ބޭނުން ކުރުމަށްފަހު ޕްލާސްޓިކް ކޮތަޅުތައް އެޅިގެން ދަނީ ކަނޑަށެވެ. މި ކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުން ދެއެވެ. މިއަދު ހެނދުނު ދިރާގު ހެޑް އޮފީސް ހަޑި ވެފައި ހުރި މަންޒަރު ފެނުމުން އެ ކުރިމަތިވި ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން، ކަނޑުތަކަށް ކުނި އެޅުމުންވެސް ވާންޖެހެ އެވެ.

ދިރާގުގެ "ފޯ ދަ އޯޝަންސް" އަކީ ޕާލޭ އިން ހިންގާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ.