ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގަށް، މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. ދިރާގުގެ މިދިޔަ އަހަރު ސާފު ފައިދާ 16 ޕަސެންޓް އިތުރުވެ، ފައިދާއަށް 840 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، "އަހަރެންގެ ދިރާގު – ދިވެހިންގެ ގުޅުން" މި ޝިއާރުގެ ދަށުން ދިރާގު ލިސްޓްކުރެވުނު ފަހުން ދިރާގުން އެތައް ކުރިއެރުންތަކެއް ހޯދައި، ރަނގަޅު މާލީ ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ވެސް ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ލިބުނު ފައިދާއިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.92 ރުފިޔާ ވަނީ ބަހައިފަ އެވެ. އަދި އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45 ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމި އިރު މުޅި އަހަރު ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ އެވެ. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައި ލިބުނު ފައިދާ އިން، ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެން ދާނެއެވެ.
ދިރާގުން ބުނީ، މިދިޔަ އަހަރު ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ފެންވަރުގައި ހިދުމަތްތައް ފޯރުކޮށް ދިނުމަށް ޖުމްލަ 1.6 ބިލިއަނާއި ގާތަށް އިންވެސްޓްކުރެވިފައިވާކަމަށެވެ. އަދި ކުންފުނީގެ ހިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ އަދަދުފަސް ލައްކަ އަށް އަރާފައިވެ އެވެ.
"ދިރާގުގެ މި ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި، ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި، އަދި ކުންފުނީގެ ހިވާގި މުވައްޒަފުންގެ ބުރަ މަސައްކަތް. މިފުރުސަތުގައި ދިރާގުގެ ބޯޑުގެ ފަރާތުންނާއި، މެނޭޖްމަންޓް އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަސްޓަމަރުންނަށާއި، ހިއްސާދާރުން އަދި ދިރާގުގެ މުވައްޒަފުންނަށް ނުހަނު ޝުކުރު އަދާކުރަން" ރަޝީދު ވިދާޅުވި އެވެ. "މިދިއަ އަހަރުގެ މާލީ ނަތީޖާއަށް ބަލައި، ދިރާގު ލިސްޓުކުރެވުނުތާ ފަސް އަހަރު ފުރޭއިރު ހިއްސާދާރުންނަށް ހާއްސަ ޑިވިޑެންޑެއް ހުށަހެޅުމަކީ ކުންފުނީގެ ބޯޑަށް ލިބޭ އުފަލެއް،"
މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އިއުލާނުކުރެވޭ 'ބުކް ކްލޯޒާ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ލިސްޓްކުރެވިފައިވާ ހިއްސާދާރުންނަށެވެ.