ލައިފްސްޓައިލް

ރަނގަޅަށް ތުނބުޅި ނުފަޅަނީތަ؟

Oct 15, 2016
4

"ތުނބުޅި ނުފަޅާ ރައްޓެއްސަކަށް ޓެގް ކޮށްލަބަލަ" މިހެން ހުންނަ ޕޯސްޓްތައް ފޭސްބުކް ފަދަ ސޯޝަލް މީޑިއާ އިން ނުފެންނަ ދުވަހެއް ވަރަށް ނުދެ އެވެ. ރައްޓެހިން އެކަކު އަނެކަކަށް ދިމާކޮށް މަލާމަތް ކުރުމަށެވެ.

ފުރާވަރަށް އަރައިގެން އައިސް ޒުވާން އުމުރަށް ދާއިރުވެސް ތުނބުޅި ނުފެޅުމުގެ މައްސަލައަކީ ގިނައިން ދިމާވާ މައްސަލަ އެކެވެ. ބައެއް މީހުންނަށް މިއީ ނިކަން ފަސޭހަކަމެއް ކަމަށް ހީވެ އެވެ. ގުދުރަތީ ގޮތުން ފިރިހެނުންގެ ތުނބުޅި ފަޅާތީ އެވެ. ނަމަވެސް ތުނބުޅި ނުފަޅާ މީހުން ތުނބުޅި ފަޅުވަން ބޭނުންނަމަ ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ފާޑު ފާޑުގެ ބިއާޑް އޮއިލް ފަދަ އެއްޗެހި ބޭނުންކުރެ އެވެ. ގިނަ މީހުން މިކަހަލަ އެއްޗެހި ބޭނުންކުރަނީ ރައްޓެހިންނަށްވެސް ސިއްރުންނެވެ.

ގިނަ ފަހަރަށް ތުނބުޅި ނުފަޅަނީ ޖެނެޓިކް މައްސަލައަކުން ކަމަށްވެ އެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ އުމުރުން 30 އަހަރު ނުވާނަމަ އެއީ ޖެނެޓިކްސްގެ ސަބަބުން ކަމަށް ނުނިންމޭނެ ކަމަށެވެ. އުމުރަކީވެސް މުހިންމު އެއްޗެއް ކަމަށެވެ. ތުނބުޅި ރީއްޗަށް ފެޅި ނަމަވެސް ރީތިކޮށް ބެލެހެއްޓުމަކީ ބައެއް މީހުންނަށް ފަސޭހަކަމަކަށް ނުވެ އެވެ. ބިޒީ ޝެޑިއުލް އިން ވަގުތު ނުލިބެނީ އެވެ.

ތުނބުޅި ފަޅަން ފަށައިގެން އަންނައިރު ތުނިކޮށް މޫނުގެ އެކި ހިސާބުތަކުން ފަޅަން ފެށުމުން ބައެއް މީހުން ހިންހަމަ ނުޖެހޭ ގޮތްވެ އެވެ. އެހެންކަމުން ޝޭވްކޮށް ކުރިން ހުރިހެން އެއްކޮށް އޮމާންކޮށްލަ އެވެ. ރީއްޗަށް އަލުން ފަޅާނެކަމުގެ އުންމީދުގަ އެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ތުނބުޅި އެއްކޮށް ފަޅާންދެން މަޑުކުރުމެވެ. ބައެއް ފަހަރު ދެ ހަފްތާ ނުވަތަ މަސް ދުވަސްވެ އެވެ.

މިހާރު ތިހުރީ ފާޑު ފާޑުގެ އެއްޗެހި ބޭނުންކޮށް އަދި ރައްޓެހިންދޭ ހިޔާލުތައް ވެސް އަޑުއަހާ އެއަށް އަމަލުކޮށްކޮށް ވަރުބަލިވެފަ އެވެ. އެއްވެސް ބަދަލެއް ނައި ދޯ އެވެ. ގޭގައި އަމިއްލައަށް ތައްޔާރު ކޮށްލެވޭ ބައެއް އެއްޗެހި މިފަހަރު ޓްރައި ކޮށްލާށެވެ. ފޮނިތޮއްޓާ ލުނބޯ ހުތަކީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. މިކަމަށް ބޭނުންވާނީ އެއް މޭޒުމަތީ ސައިސަމްސާ ފޮނިތޮށި (މުގުރާފައި) އަދި ދެ މޭޒުމަތީ ސައިސަމްސާގެ ލުނބޯ ހުތެވެ. ލުނބޯ ހުތާއި ފޮނިތޮށި އެއްކޮށްލާ ޕޭސްޓެއް ތައްޔާރުކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. 25-30 މިނެޓު ބެހެއްޓުމަށްފަހު އައިސް ފެނުން މޫނު ދޮވުމަށްފަހު މޫނު ރަނގަޅަށް ހިއްކާފައި ރަނގަޅު މޮއިސްޗުރައިޒާ އެއް ބޭނުންކުރަންވާނެ އެވެ. ހަނދާންކޮށް 30 މިނެޓަށްވުރެ ގިނަ އިރު ޕޭސްޓް މޫނުގައި އުނގުޅާފައި ނުބަހައްޓާށެވެ. އެއީ ހަންގަނޑު އެނދުމުން ރައްކާތެރި ކުރުމަށެވެ. ދުވާލަކު ދެ ފަހަރު މި ޕޭސްޓް ބޭނުންކުރެވިދާނެ އެވެ.

ކެއުމުގެ ތެރޭގައި ބިސް ހިމެނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަކަށް ބަޔޮޓިން ނުވަތަ ވިޓަމިން ބީ7 ނުލިބުމަކީ ވެސް ތުނބުޅި ފެޅުން ލަސްވާ ކަމެކެވެ. އެހެންވީމަ ކެއުމުގައި ބިހުން އެކަށީގެންވާ ވަރަށް ބަޔޮޓިން ލިބޭނެ އެވެ. ކޮންމެ ދުވަހަކުވެސް ކެއުމުގައި ބިސް ހިމަނައި ބިހުގެ ރީނދޫބައި ކެއުން މުހިންމެވެ.

ދެން އޮތީ ސާޖަރީ ކުރުމެވެ. އިމްޕްލާންޓް ކޮށްގެން ތުނބުޅި ފެޅުވުމެވެ. ނަމަވެސް މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. މިގޮތަށް ތުނބުޅި ފެޅުވުމުން ބޭނުން ގޮތަކަށް ތުނބުޅި ސްޓައިލްކޮށްލާ ހެދޭނެ އެވެ. އަދި ރީތިކޮށް ފަޅާނެވެސް މެ އެވެ.