ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ ކޯޗު ކަމުގައި ގްރީން ސްޓްރީން ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް އެ ޓީމު ސެމީ އަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީ ފައިނަލުގައި ބުދަ ދުވަހު ގްރީން ސްޓްރީޓް ވާދަ ކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި މަހިބަދޫ ސްޕޯޓްސްއާ އެވެ.
ގްރީން ސްޓްރީޓަކީ ދެ ވަނަ ޑިވިޝަނުގައި މިފަހަރު އޮތް އެންމެ ވަރުގަދަ އެއް ޓީމެވެ. އެ ޓީމުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިން ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ވީބީ އާއި ވިކްޓަރީ އާއި ވެލެންސިއާއިން ފެނުނު ޓީމުގެ ކެޕްޓަން އަހުމަދު އަޝްފާން އާއި ހުރަ އާއި ވެލެންސިއާގައި ވިދާލި ފޯވަޑް ޝިނާޒް ހިލްމީވެސް ހިމެނެ އެވެ. އަދި ވީބީން ފާހަގަ ކުރެވުނު ޒުވާން ޑިފެންޑަރު އަހުމަދު ފައިރޫޒް އާއި ވެލެންސިއާ އަށް ކުޅުނު އަހުމަދު ރިފާއުގެ އިތުރުން އައިއެފްސީ އާއި ވީބީ އަދި އީގަލްސްއިން ފެނުނު ސިއެރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ ވެސް ހިމެނެ އެވެ. މީގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިއަކު ވެސް އެބަތިއްބެވެ.
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދަކީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ނިޔަލަށް ނިއުރޭޑިއަންޓްގެ ހެޑް ކޯޗެވެ. އޭނާ ވަނީ އޭއެފްސީ ކަޕުގައި މުހިންމު މެޗުތަކެއް ކާމިޔާބުކޮށްދީ، ގައުމީ މުބާރާތުގެ ސެމީ ފައިނަލަށް ވެސް ނިއު ގެންގޮސްދީފަ އެވެ. އަދި ނިއުރޭޑިއަންޓް ދިވެހި ލީގު ހޯދުމުގައި ވެސް ވިކްޓަރީ އާއި ނިއު އަދި ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބު ކުރި ޓީމުގެ ޑިފެންޑަރުގެ ހިއްސާ ބޮޑެވެ.
ގްރީން ސްޓްރީޓްގެ ފުރަތަމަ މެޗުގައި ޒެފްރޯލް އަތުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. ދެ ވަނަ މެޗުގައި ވެލޯޒިޔާގެ މައްޗަށް ކާމިޔާބު ހޯދީ 3-1 އިންނެވެ. ތިން ވަނަ މެޗު 3-2 އިން ކާމިޔާބު ކުރީ ސިފައިން ބަލިކޮށްފަ އެވެ. އަދި މެކާނޯ 7-0 އިން ބަލިކޮށް ގްރޫޕް ސްޓޭޖް ނިންމާލީ ޕީކޭ އަތުން 3-2އިން ކާމިޔާބު ހޯދައިގެންނެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ދެ ވަނަ ޓީމަށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަތް ވަނަ ޓީމާއެކު ޕްލޭއޯފް ކުޅެން ފުރުސަތު ލިބޭނެ އެވެ.