ލައިފްސްޓައިލް

ގުޅިފައިވާ ދެބެން ވަކި ކުރަން 27 ގަޑިއިރުގެ އޮޕަރޭޝަނެއް!

Oct 15, 2016
2

އަނިއަސް އާއި ޖޯޑަން އުމުރުން 13 މަހެވެ. އެއީ އުފަންވީއިރު ބޮލުން ގުޅިފައިވާ ދެ ކުދިންނެވެ. ހަތާވިސް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އެ ދެ ކުންދިންނަށް ވަނީ ވަކިން ދިރިއުޅުމުގެ ފުރުސަތު ލިބިފަ އެވެ.

ނިއުޔޯކްގެ ބްރޮނެކްސްގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމަށްވާ މޮންޓެފޭރޭ މެޑިކަލް ސެންޓާގައި އަނިއަސް އާއި ޖޯޑަންގެ ސާޖަރީ ފަށަފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އަދި މަސައްކަތް މުޅިން ފުރިހަމަވީ އިއްޔެ އެވެ. ބޮލުން ގުޅިފައިވާ ހިސާބު ވަކި ކުރުމަށް އެކަނިވެސް 16 ގަޑިއިރު ހޭދަވި އެވެ. އަދި ބޮލުގެ ނާށިގަނޑު ގުލޭ ހިސާބު މުޅިން ފުރިހަމަ ކުރުމަށް އިތުރު ވަގުތު ހޭދަވި އެވެ.

ޑޮކްޓަރުން އެންމެ ފުރަތަމަ ނިންމީ ޖޯޑަންގެ ސާޖަރީ އެވެ. އެ ތުއްތުކުއްޖާގެ ސާޖަރީ ނިންމައި ސްޓްރެޗާއަށް ލާފައިވަނީ އިއްޔެގެ ހެނދުނު 7:40 ގައެވެ. އެއަށްފަހު އޭނާ ބަދަލު ކުރީ ހޮސްޕިޓަލްގެ 10 ވަނަ ފްލާގައި ހުންނަ އިންޓެސިވް ކެއާ ޔުނިޓަށެވެ. އެތަނުން އޭނާގެ މަންމަ ނިކޮލާ އާއި ބައްޕަ ކްރިސްޓިއަން އެމްސީ ޑޮނަލްޑަށް ވަކިކޮށްފައިވާ ދަރިފުޅު ދައްކާލި އެވެ.

"އަހަރެންގެ ދަރިފުޅު" ބުނި ވަގުތު ކްރިސްޓިއަންގެ ލޮލުން ކަރުނަ އޮހޮރިގަތެވެ. އަނިއަސްގެ އޮޕަރޭޝަން މުޅިން ފުރިހަމަ ކުރުމަށް އިތުރު ފަސް ގަޑިއިރު ހޭދަވިއެވެ. އިންޓޭސިވް ކެއާ ޔުނިޓަށް އޭނާ ބަދަލު ކުރެވުނީ އިއްޔެގެ މެންދުރު ފަހު އެކެއް ޖެހިއިރުއެވެ.

މިސާޖަރީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރަކީ އެއްކޮށް ގުޅިފައިވާ ހަށިގަނޑު ވަކިކުރުމުގެ ސާޖަރީގައި ހާއްސަ އެކްސްޕާޓެއް ކަމުގައިވާ ޑރ. ޖޭމްސް ގުޑްރިޗެވެ. މިއީ ގްޑްރިޗްގެ މިފަދަ ހަތް ވަަނަ ސާޖަރީ އެވެ. އަދި މިއީ 1952 އަހަރުގެ ފަހުން އެއްހަށިގަނޑަކުން ގުޅިފައިވާ ދެ އިްނސާނުން ވަކިކުރުމަށް ކުރި 59 ވަނަ ސާޖަރީ އެވެ.