އެއް ފަހަރަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިގެން ގަނޑުވަރަށް ވަޑައިގެންނެވިއިރު ތައިލެންޑްގެ ރަސްގެފާނު ޕޫމިޕޯން އަޑޫންޔަޑޭ ތުރުކުރައްވައިގެން ހުންނެވީ މަޑު ފިޔާތޮށި ކުލައިގެ ކޯޓުކޮޅެކެވެ. ރަސްގެފާނަށް ޝިފާ ދެއްވާ "ކުލައަކީ" މަޑު ފިޔާތޮށި ކަމަށް ތައިލެންޑްގެ ރައްޔިތުން ގަބޫލުކުރަން ފެށީ އެ ދުވަހަށް ފަހު އެވެ.
ސިއްހީ ހާލުކޮޅު އަލުން ގޯސްވެ، އަޑޫންޔަޑޭ މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވިއިރު ވެސް ތައިލެންޑްގެ އެތައް ހާސް ބަޔަކު، މަޑު ފިޔާތޮށި ކުލައިން ހެދުން އަޅައިގެން ހޮސްޕިޓަލް ދޮށަށް އެއްވެ ރަސްގެފާނަށް ހެޔޮ ދުއާކުރުމުގައި ދެމިތިބީ ވެސް އެ ގަބޫލު ކުރުމުގެ މަތިންނެވެ. ނަމަވެސް 88 އަހަރުފުޅުގައި ރަސްގެފާނު އެންމެފަހުން އޭނާގެ ވަފާތެރި ރައްޔިތުންނާ ވަކިވެ ވަޑައިގެންނެވީ އެވެ.
އެއަށް ފަހު ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހަކީ ރަސްގެފާނުގެ ހަނދާން އާކުރުމަށް ހާއްސަކޮށްފައިވާ ދުވަސްތަކެވެ. އަދި ރަސްގެފާނަށް އިހްތިރާމް އަދާކުރުމުގެ ގޮތުންނާއި އަވަހާރަވުމުގެ ހިތާމަފާޅުކުރުމުގެ ގޮތުން ތައިލެންޑްގެ ސަރުކާރު މުވައްޒަފުން އެއް އަހަރު ވަންދެން ހެދުން އަޅާނީ ކަޅުކުލައިންނެވެ.
އެ ގައުމުގެ މި ފުން ހިތާމާގައި ބައިވެރިނުވާ ފަރުދަކު ނެތެވެ. ސިޔާސީ ގޮތުން ގައުމު ކިތަންމެ ބޮޑަށް ބައިބައިވެ ހިޔާލުތަފާތުވެފައި އޮތް ނަމަވެސް ރަސްގެފާނު ޕޫމިޕޯން އަޑޫންޔަޑޭއާ ހިސާބުން އެންމެން އެއްގަލަކަށް އަރަ އެވެ. ތައިލެންޑްގައި މިއަދު ރަސްގެފާނުގެ ހަނދާންތައް އާކުރަމުން އެ ގެންދަނީ ވެސް ސިޔާސީ އެއްވެސް ބައިބައިވުމަކަށް ފުރުސަތު ނުދީ އެވެ.
ތައިލެންޑްގެ ރައްޔިތުންގެ މެދުގައި މިވަރުގެ މަތިވެރި ގަދަރަކާއި އިހްތިރާމެއް މި ރަސްގެފާނަށް ދެވިފައި ވަނީ ކޮން ސަބަބާ ގުޅިގެންތޯ އެވެ؟ އެމީހުންގެ ހިތުގައި، އޭނާ އަކީ ހަމައެކަނި ދުނިޔޭގައި މިހާ ގިނަ ދުވަހު ތަހުތުގައި ދެމިހުންނެވި ދުސްތޫރީ ރަސްކަލެއް އެކަންޏެއް ނޫނެވެ.
ރަސްގެފާނުގެ ފައިންޕުޅު ފެންނަ ކޮންމެ ފަހަރަކު ތައިލެންޑްގެ ރައްޔިތުން "ބިމަށް ތިރިވެ ސަޖިދަ" ވެސް ޖަހަ އެވެ.
އެންމެ މަތީ ދަރަޖަ ދެވުނު ރަސްގެފާނު
އުމުރުން 18 އަހަރުގައި ތައިލެންޑްގެ ތަހުތަށް ވަޑައިގެންނެވި ގޮތަށް 70 އަހަރު ފަހުން އަޑޫންޔަޑޭއާ ތައިލެންޑްގެ ރައްޔިތުންނާ ވަކިވެ ވަޑައިގެންނެވިއިރު ރައްޔިތުންގެ ހިތްތަކުގައި އޭނާ ވަނީ އެ ރަސްގެފާނުގެ ދަރަޖަ އުފުލާފަ އެވެ.
ރަސްގެފާނުގެ ފައިންޕުޅު ފެންނަ ހިނދު ތައިލެންޑްގެ އާންމުންގެ ލޯތައް އުފަލުގެ ކަރުނައިން ބަންޑުންވެ އެވެ. ބިމަށް ތިރިވެ ސަޖިދަ ޖަހަ އެވެ. އެމީހުން ރަސްގެފާނަށް އެކި ނަންނަމުން "ކަލާނގެ" އެއްގެ ގޮތުގައި ވެސް މުހާތަބުކުރެވެ އެވެ.
މި ސަބަބާ ހެދި ރަސްގެފާނުގެ އަވަހާރަވުމުގެ ޚަބަރުވެގެން ދިޔައީ ތައިލެންޑްގެ ބައެއް އާންމުންނަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. ރަސްގެފާނަށް އާލާސްކަންފުޅެއް ކުރިމަތިވެދާނެ ކަމަށް ނުވަތަ ރަސްގެފާނު އަވަހާރަވެދާނެ ކަމަށް ވެސް ބައެއް މީހުން ގަބޫލުނުކުރާތީ އެވެ. ނުވަތަ ދެވިފައިވާ ގަދަރަކާއި ދަރަޖައެއްގެ ސަބަބުން އެގޮތަށް ވިސްނަން ވެސް އެމީހުން ބޭނުން ނުވަނީ އެވެ.
ރަސްގެފާނުގެ އަވަހާރަވެއްޖެ ކަމުގެ ޚަބަރު އެންމެ ފުރަތަމަ ފެތުރުމުން ބައެއް އާންމުން ހީކުރީ އެއީ ބަޔަކު މީހުން ފަތުރައިގެން އުޅޭ "ފޭކް" ޚަބަރެއް ކަމަށެވެ. އަދި ރަސްގެފާނާ ދެކޮޅު މީހުން ހޯދުމުގެ މުޒާހަރާއެއް ވެސް ރަސްގެފާނުގެ ވަފާތެރިން ކުރިއަށް ގެންގޮސްފައިވެ އެވެ.
ތައިލެންޑްގައި ރަސްގެފާނަށް ނިސްބަތްކޮށް ބަދުބަސް ބުނުން ނުވަތަ އެފަދަ ވާހަކަ ޝައިއުކުރުމަކީ ވެސް ޖަލު އަދަބު ކަނޑައެޅިފައިވާ ކަންކަމެވެ.
ރަސްގެފާނަށް އޮންނަ އިހްތިރާމެއްގެ ބޮޑުކަމުން އެ ބޭފުޅާގެ ފޮޓޯ ތައިލެންޑްގެ އާންމު ތަންތަނުގަ އާއި އާންމުންގެ ގެތަކާއި ހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވެސް އާންމުކޮށް ބޭނުންކުރެ އެވެ. ސިނަމާތަކުގައި ފިލްމެއް ދެއްކުމުގެ ކުރިން، ގައުމީ ސަލާމުން ރަސްގެފާނަށް ތައުރީފާއި ޝުކުރު އޮއްސަ އެވެ. ބޮޑެތި ޕާކުތަކާއި މެޓްރޯތަކުގައި ގައުމީ ސަލާމް ދޭތެރެދޭތެރެއިން ޖަހަ އެވެ.
އަސްކަރީ އިންގިލާބުތަކަށް ވެސް ނުގުޑި ތަހުތެއް
މި ރަސްގެފާނަކީ ތައިލެންޑްގެ ހުރިހާ ގިންތިތަކާއި އުމުރުފުރާއެއްގެ މެދުގައި ވެސް މަގްބޫލު އަދި އިހްތިރާމް ލިބިގެންވާ ފަރާތެކެވެ. އަދި ތައިލެންޑްގެ ސިލްސިލާ އިންގިލާބުތަކުގެ ފަހަތުގައި އޮތް ބާރުގަދަ އަސްކަރިއްޔާ ވެސް އެ ލީޑަރެއްގެ ކުރިމަތީގައި އެންމެ ކިޔަމަންވާ ފަރާތަކީ ރަސްގެފާނު އަޑޫންޔަޑޭ އެވެ.
އެ ބޭފުޅާގެ 70 އަހަރުވީ ތަހުތުގައި ތައިލެންޑަށް ގާތްގަނޑަކަށް ވިއްސަކަށް އަސްކަރީ އިންގިލާބު ގެނެސްފައިވެ އެވެ. އަދި 26 އަށް ވުރެ ގިނަ ބޮޑުވަޒީރުންގެ ވެރިކަން ފެނިވަޑައިގެންފައިވެ އެވެ. ސިޔާސީ މި ހަލަބޮލިކަމުގެ ތެރެއިން ތައިލެންޑްގެ ފަގީރުންނާއި މުއްސަނދިންގެ ފަރަގު އިންތިހާ އަށް ބޮޑުވެ ދިރިއުޅުމުގެ އަގު އުފުލި ހިޔާނާތާއި ފަސާދައިގެ އަމަލުތައް ވަނީ އާންމު ދިރިއުޅުމުގައި ވަކި ހިއްޕާލައިފަ އެވެ.
ނަމަވެސް މި ހަލަބޮލިކަމާއި ނުތަނަވަސްކަމެއް މިއިން ޒަމާނެއްގައި ވެސް ތަހުތަށްކޮށްފައެއް ނުވެ އެވެ. ތައިލެންޑްގެ އާންމުން ގަބޫލުކުރާ ގޮތުގައި ރަސްގެފާނުގެ ސިޔާސަތުތައް މާ ތަނަވަސްވެފައި ވަރުގަދައީ އެވެ. ރަސްގެފާނު ދެއްވާ އިރުޝާދާއި ލަފާ އަޑުއަހަން އަބަދުވެސް އެމީހުން ކެތްމަދުވެފައި ތިބެނީ މި ސަބަބާ ހެދި އެވެ.
މި ރަސްގެފާނަކީ އެ ބޭފުޅާގެ ޒުވާން ދުވަސްވަރު ތައިލެންޑްގެ އެންމެ އާދައިގެ އާއިލާތަކަށް ތަކުރާރުކޮށް ޒިޔާރަތްކުރައްވައި އެންމެ ފަގީރު މީހުންގެ ދިރިއުޅުން ވެސް ވަރަށް ގާތުން ބައްލަވައި އެ މީހުންނާ ހިތާއި ހިތުގެ ގުޅުމެއް ފައްކާކުރައްވާފައިވާ ބޭފުޅެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރަސްގެފާނުގެ މަގްބޫލުކަމުގެ އަސްލު ވެސް ގުޅިފައި ވަނީ އެގޮތަށް ބަދަހިކުރައްވާފައިވާ ވަރުގަދަ ގުޅުމާ އެވެ.
ތައިލެންޑްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައި
ރަސްގެފާނު ޕޫމިޕޯން އަޑޫންޔަޑޭ އަށް ފަހު ތަހުތާ ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވަލީ އަހުދު މަހާ ވަޗިރާލޮންކޮން އެވެ. އުމުރުން 64 އަހަރުގެ ވަޗިރާލޮންކޮން އަކީ އަޑޫންޔަޑޭ އާއި ރާނީ، ސިރީކިޓަށް ލިބިވަޑައިގެންނެވި ހަމައެކަނި ފިރިހެން ބޭފުޅާ އެވެ.
ތައިލެންޑްގެ ވަލީއަހުދުގެ ގޮތުގައި ވަޗިރާލޮންކޮން ހަމަޖެހިގެން ދިޔައީ އެ ބޭފުޅާ އަށް 20 އަހަރުގަ އެވެ. އޭނާ އަކީ އެމެރިކާ އާއި އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުން ތަމްރީން ލިބިވަޑައިގެން ހުންނެވި އަސްކަރީ އޮފިސަރެކެވެ.
ނަމަވެސް މިއީ ތައިލެންޑްގެ އާންމުންގެ މެދުގައި އެއްވެސް ވަރަކަށް މަގްބޫލު ބޭފުޅެއް ނޫނެވެ. ފަހަރެއްގައި އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ، ތަހުތަށް އައްޔަންކުރުން ފަސްކޮށް ދެއްވުމަށް އަމިއްލަ އަށް އެދިވަޑައިގެންފައި ވަނީ ވެސް އެ ސަބަބާ ހެދި އެވެ.
ވަލީއަހުދުގެ މަގްބޫލުކަން ގެއްލި އާންމުންގެ މެދުގައި އިހްތިރާމް ގެއްލިވަޑައިގެންފައިވާ ބޭފުޅަކަށް ވެވަޑައިގެންފައި ވަނީ އެ ބޭފުޅާގެ ޒާތީ ދިރިއުޅުއްވުމުގެ އާންމު އަހުލާގީ މިންގަނޑު ދަށްވެ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.
މި ސަބަބާ ހެދި މިފަދަ ބޭފުޅަކު ތަހުތަށް ވަޑައިގަތުމަކީ ތައިލެންޑްގެ ހަލަބޮލި ސިޔާސީ މައިދާނަށް އޮތް ނުބައި ފާލެއް ކަމަށް އެއް ބަޔަކު ލަފާކުރެ އެވެ. ޕޫމިޕޯން އަޑޫންޔަޑޭ ކުރިއަށް ނެރުއްވި ޑިޕްލޮމެޓިކް އަހުލާގާއި އުސޫލުތައް ވަލީއަހުދަށް ގެނެސްދެއްވި ދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެ އެވެ.
ރަސްގެފާނުގެ ދަރިކަލުންގެ ޒާތީ ދިރިއުޅުއްވުމުގެ ފޭރާން އާންމުންގެ ކުރިމަތީގައި ވީދިފައި އޮތް ނަމަވެސް 70 އަހަރުވީ ތަހުތުގެ ދިގު ތާރީޚުގައި ރަސްގެފާނުގެ ޒާތީ ދިރިއުޅުއްވުމުގެ އެއްވެސް މައްސަލައެއް ފެންމަތިވެވަޑައިގެންފައި ނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ.