ބޮލީވުޑް

"ޕަދްމާވަތީ" ގެ ޝޫޓިން އަންނަ ހަފްތާގައި ފަށަނީ

Oct 16, 2016

ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމު "ޕަދްމާވަތީ" އިއުލާންކުރީއްސުރެން މިފިލްމަށް އެކި ކަހަލަ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ.

އެންމެފުރަތަމަ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިން ހަމަނުޖެހި އެތަކެއް ދުވަސްވީފަހުން އެރޯލުތައް ކުޅެން ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޝާހިދު ކަޕޫރު ވަނީ ހަމަޖައްސާފަ އެވެ.

އޭގެފަހުން މިފިލްމު ޕްރޮޑިއުސްކުރަން ހަމަޖެހިފައި އޮތް އެއް ކުންފުނިން އެންމެފަހު ވަގުތު ފިލްމު ނުއުފައްދަން ނިންމުމުން ބަންސާލީ އަށް އަލުން ޖެހުނީ ފިލްމަށް ފަންޑްކޮށްދޭނެ މީހަކު ހޯދާށެވެ.

އެންމެފަހުން ވިއަކޮމް 18 އިން 170 ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މިފިލްމު ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާއިރު، ބަންސާލީ މިވަނީ ފިލްމުގެ ޝޫޓިން އަންނަ ހަފްތާގައި ފެށުމަށް ނިންމާފަ އެވެ.

ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ މިފިލްމުގެ އެންމެފުރަތަމަ ނަގަން ހަމަޖެހިފައިވަނީ ލަވައެއްގެ މަންޒަރުތަކެވެ.

މެހެބޫބް ސްޓޫޑިއޯގައި ހަދާފައިވާ ހާއްސަ ސެޓެއްގައި ނަގާ މިލަވައަކީ ރާޖްސްތާންގެ ފޯލްކް ޑާންސެއް ކަމަށްވެ އެވެ. މިލަވަ އަށް ހާއްސަކޮށް ރާޖަސްތާނުން ނެށުންތެރިންވެސް ގެނެސްފައިވާ ކަމަށްވާއިރު، އެނެށުންތެރިންނާއެކު ދިޕިކާ މިލަވަ އަށް ތައްޔާރުވަމުން އަންނަ ކަމަށްވެސްވެ އެވެ.

ރާނީ ޕަދްމާވަތީ އުޅުނު ގަނޑުވަރު ކަމަށްވާ ޗިޓޯރްގާ ފޯޓްގެ ނަކަލު ސެޓެއްވެސް މިފިލްމުގެ ޝޫޓިން އަށް މެހެބޫބް ސްޓޫޑިއީގައި ހަދާފައިވާއިރު، ރަންވީރާއި ޝާހިދު މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް އެދެތަރިންވެސް އަންނަނީ މިރޯލަށް ތައްޔާރުވުމުގެ ގޮތުން އިސްތަށިގަނޑާއި ތުނބުޅި ދިގުކުރަމުންނެވެ.

ދިޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ގެ ޝޫޓިން އަށް ވަގުތު ދޭން ޖެހުމުން މިއަހަރު އެއްވެސް ބޮލީވުޑްގެ ފިލްމަކަށް ވަގުތުދެވިފައިނުވާތީ މިއަހަރު އޭނާގެ އެއްވެސް ފިލްމެއް ރިލީޒެއްނުވާނެ އެވެ.