މަޝްހޫރު ލަވަކިއުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު)ގެ އަވަހާރަވުމުގެ ހިތާމައިގައި ވެލެންސިއާއިން އެކުލަބުގެ އަހަރީ ދުވަހު އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އީގަލްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ކަޅުބޭންޑް އަޅަން ނިންމައިފި އެވެ.
ޖެނެރަލް ސެކްރެޓަރީ އަދި މެނޭޖަރު އަބުދުﷲ ޝިބާއު މިއަދު ބުނީ ނާޝިދަކީ ވެލެންސިއާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ވަރަށް އަގުހުރި ސަޕޯޓަރެއް ކަމަށާއި އޭނާގެ ހަނދާނުގައި މެޗު ފެށުމުގެ ކުރިން ހާއްސަ ސްކޫތެއްވެސް ގެންނާނެ ކަމަށެވެ. އަދި މެޗުގައި ކުޅޭ އީގަލްސްއިން މިހަރަކާތުގައި ބައިވެރިވާނެ ކަމަށާއި މެޗު ޝަރަފުވެރިކޮށްދެއްވާނީ ނާޝިދުގެ އާއިލާގެ ބޭފުޅުން ކަމަށެވެ. އަދި ވެލެންސިއާގެ ހާއްސަ ޖާޒީ އެއްވެސް ނާޝިދަށް ހަދިޔާކުރުން އޮންނާނެއެވެ.
ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން ޒީރޯ ޑިގްރީގެ އެއް ފައުންޑާ އަދި ބޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނާޝިދު، 53، އަވަހާރަވީ މިދިޔަ ހޯމަ ދުވަހު އެވެ.
ނާޝިދަކީ ވެލެންސިއާގެ ވަރަށް ވަރުގަދަ ސަޕޯޓަރެއްގެ އިތުރުން 1980 އާއި 90ގެ ތެރޭގައި ވެލެންސިއާއިން ބޭއްވި މަޝްހޫރު ހެޕަނިން ޝޯ ބޭއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ފަންނާނެކެވެ.
މިއަދަކީ ދ. އިބްރާހީމް މަނިކާއި ދިއްދޫ މުހައްމަދު އަލީގެ މަސްއޫލުވެރިކަމުގައި 1979 ވަނަ އަހަރު އުފެއްދި ވެލެންސިއާގެ 37 ވަނަ އަހަރީ ދުވަހެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ވެލެންސިއާއިން ގިނަ ކުޅިވަރުތަކެއްގައި ވާދަކޮށް 150 އަށްވުރެ ގިނަ ތަށި ހޯދައި ރާއްޖެއަށް މޮޅުއެތައް ކުޅުންތެރިންނެއް ނެރެދީފަ އެވެ.
ދިވެހި ލީގުގައި މިއަދު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ވެލެންސިއާ އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ފަސްވަނާގަ އެވެ. އެއީ 20 ޕޮއިންޓާއެކުގަ އެވެ. އީގަލްސް އޮތީ ތިން ވަނާގަ އެވެ. އެއީ 35 ޕޮއިންޓާއެކުގަ އެވެ. ލީގުގެ ކުޅުން މިއަދު ހަވީރު ފަށައިދޭނީ ޗެމްޕިއަން މާޒިޔާ އާއި ދެ ވަނާގައިވާ ޓީސީ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ.