ހައިޑްރޯ ފްލޯރޯ ކާބަން (އެޗްއެފްސީ) ބޭނުންކުރާ މިންވަރު މަދުކުރަން ރާއްޖެއިން އެއްބަސްވެއްޖެ އެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުނު މޮންޓްރިއަލް ޕްރޮޓޮކޯލްގެ 28 ވަނަ މީޓިންސް އޮފް ދަ ޕާރޓީސްގައި އެ މުއާހަދާގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތަށް 197 ގައުމަކުން ވަނީ އެޗްއެފްސީ ބޭނުންކުރާ މިންވަރު މަދުކުރަން އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗްއެފްސީ ބޭނުންކުރާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރަން ޖެހެ އެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން 2024 އަދި 2028 ގައި އެޗްއެފްސީ ބޭނުންކުރުން ކޮންޓްރޯލްކޮށް މަދުކުރަން ފަށަން ޖެހެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދުނިޔެ ހޫނުވުން ދެ ޑިގުރީ ސެލްސިއަސްގެ ތެރޭގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރި ކަމެއް ލިބިގެންދާނެ ކަމަށްވެ އެވެ.
މިި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުގެ އިސްވެރިއަކަށް ވަޑައިގެން އެންވާރަމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑރ އަބްދުﷲ ނަސީރު ދެއްކެވި ވާހަކައިގައި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމަކަށް މިފަދަ އެއްބަސްވުމެއްގެ މުހިއްމު ކަމުގެ މައްޗަށް އަދި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ފިނިކުރާ ނިޒާމްތަކުގައި ތިމާވެއްޓާއި ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ކުޑަ މާއްދާތައް ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ތެރެއިން ރާއްޖެފަދަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.
ފިނިކުރި ނިޒާމްތަކުގައި މަިއގަނޑު ގޮތެއްގައި ބޭނުންކުރާ އެޗްއެފްސީ އަކީ ޖައްވި ހޫނުވުމަށް ބާރުއަޅާ އަދި މޫސުމަށް ބަދަލު ގެންނަ މާއްދާ އެކެވެ. މި މާއްދާ އެދެވޭ ގޮތެއްގައި ކޮންޓްރޯލްކޮށް މަދުކޮށްގެން 0.5 ޑިގުރީ ސެލްސިއަސްއާއި ބަރާބަރު އަދަދަކަށް ދުނިޔެ ހޫނުވުން އިތުރުވިޔަ ނުދީ ހިފެހެއްޓޭނެއެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލްއަކީ ދުނިޔޭގެ އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް 1987 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގްވާމީ މުއާހަދާއެވެ. މިމުއާހަދާގެ ދަށުން 2008 ވަނަ އަހަރު ރާއްޖެއިންވަނީ ސީއެފްސީ ބޭނުންކުރުން ހުއްޓާލާފައިއެވެ. މިއީ ރާއްޖެއިން މިމާއްދާ ހުއްޓާލަންޖެހޭ މުއްދަތުގެ ދެއަހަރު ކުރިން ހާސިލްކޮށްފައިވާ ކާމިޔާބީއެކެވެ. ރާއްޖެއިން މިހާރު އަމާޒުކުރަމުންދަނީ އެޗްސީ.އެފްސީ 2020 ގައި ހުއްޓާލުމަށް މަސައްކަތްކުރަމުންނެވެ.