ލައިފްސްޓައިލް

ގްރީން ޓީ ވާސަސް ކޮފީ: ރަނގަޅީ ކޯއްޗެއް؟

Oct 16, 2016

މި ދެ ބުއިން ވެސް ރަނގަޅެވެ. އޭގައި ފައިދާ ވެސް އެބަހުއްޓެވެ. -- އެންމެ ކުރުކޮށް ދެވޭނެ ޖަވާބަކީ މިއީ އެވެ. އެކަމަކު މާބަނޑު ދުވަސްވަރު އަންހެނުންނަށް ގްރީން ޓީ އާއި ކޮފީ ވެސް އެހާ ރަނގަޅެއް ނޫނެވެ. މިއީ އެ ދެ ބުއިމުގައި ވެސް ކެފެއިން ކޮންމެވެސް މިންވަރަކަށް ހިމެނޭ ބުއިމެވެ.

ގްރީން ޓީ އާއި ކޮފީ އަށް ބަލާއިރު، ކެފެއިންގެ މިންވަރު ގިނައީ ކޮފީގަ އެވެ. ކޮފީ ތަށްޓަކުން 100 އާއި 150 މިލިގްރާމްގެ ކެފެއިން ލިއްބައިދޭއިރު ގްރީން ޓީގެ މިވަރު މިންވަރެއްގައި ހިމެނެނީ ކެފެއިންގެ 26 މިލިގްރާމެވެ.

ސިއްހީ ފައިދާތަކަކީ ކޮބާ؟

ގްރީން ޓީ އަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތަކަށް އޮތް ފަރުވާއެއް ކަމަށް ޖަޕާނުގެ ތަކުރިބާކާރުންގެ ދިރާސާތަކުން ހޯދާފައިވެ އެވެ. އެފަދަ ބަލިތަކުގައި "މަރުވުމުގެ" ފުރުސަތު އަންހެނުންގެ މެދުގައި 23 ޕަސެންޓަށް ކުޑަކޮށް ފިރިހެނުންގެ މެދުގައި 12 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ފުރާނަ އަށް ނުރައްކާވެދާނެ ފަދަ ސިއްހީ މައްސަލަތަކުގެ ތެރެއިން ހާޓް އެޓޭކް ފަދަ މައްސަލަތައް އަންހެނުންގެ މެދުގައި 31 ޕަސެންޓަށް ކުޑަކޮށް ފިރިހެނުންގެ މެދުގައި 22 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ގްރީން ޓީގެ ފައިދާ އެންމެ ބޮޑީ ސްޓްރޯކު ޖެހުމަށް މެދުވެރިވާ ސިއްހީ މައްސަލަތަކާ ދެކޮޅަށެވެ. އެގޮތުން، ގްރީ ޓީ ގަވާއިދުން ބޯ ނަމަ، ސްޓްރޯކް ޖެހޭ މިންވަރު އަންހެނުންގެ މެދުގައި 42 ޕަސެންޓަށް ކުޑަކޮށް ފިރިހެނުންގެ މެދުގައި 35 ޕަސެންޓަށް މި ރިސްކް ދަށްކޮށްދެ އެވެ.

ކޮފީ އާއި ގްރީން ޓީގެ ފައިދާތަކަށް ބަލާއިރު ހަކުރު ބަލީގެ އެންމެ އާންމު ވައްތަރު ކަމުގައިވާ ޓައިޕް 2 ޑައިބެޓީސްއާ ދެކޮޅަށް ގިނަ ސިއްހީ ފައިދާތަކެއް މި ދެ ބުއިމުގައި ވެސް ހިމެނެ އެވެ. ވަކިން ހާއްސަކޮށް ހަކުރު ބައްޔާ ދެކޮޅަށް ކޮފީ ރަނގަޅު ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ. ގަވާއިދުން ކޮފީ ބޯ މީހަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 23 ޕަސެންޓާއި 50 ޕަސެންޓްގެ މިންވަރަކަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.