މި ރައީސްގެ ނަމެއް ވެސް އަދި މި ރައީސް ނިސްބަތްވާ ގައުމުގެ ނަމެއް ވެސް މާގިނައިން އަޑެއް ނީވޭނެ އެވެ. މިއީ ނެމީބީއާގެ ރައީސް ހިފިކިޕުންޔޭ ޕޮހަމްބާގެ ވާހަކަ އެވެ. އޭނާ އަށް މި ވަނީ ފަރުދަކަށް ލިބޭ ފައިސާގެ އެންމެ ބޮޑު އިނާމު ކަމަށްވާ "މޯ އިބްރާހިމް" އެވޯޑް ލިބިވަޑައިގެންފަ އެވެ. އެއީ ހަމަނުޖެހުމާއި ފަގީރުކަން ބޮޑު އެފްރިކާގެ އިންތިހާބީ ރައީސުންގެ ތެރެއިން އެންމެ ރަނގަޅަށް ވެރިކަން ކުރައްވާ ލީޑަރަކަށް ދޭ އިނާމެވެ. އެއީ ފަސް މިލިއަން ޑޮލަރެވެ.
މި އެވޯޑް ދެނީ ވެރިކަން ދޫކުރައްވައި ވަޑައިގަންނަވާއިރު ހެޔޮ ވެރިކަމެއް ކޮށްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީފައިވާ ރައީސުންނަށެވެ.
ޕޮހަމްބާގެ ރިޔާސީ ދެ ދައުރަށް ފަހު މަގާމުން ވަކިވެ ވަޑައިގަންނަވަނީ އެވެ. އެއީ 2004 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވުމަށް ފަހުގަ އެވެ. އެފްރިކާގެ ގައުމެެއްގައި ވެރިކަން ކުރުމަކީ ފަސޭހަ ކަމެެއް ނޫނެވެ. ގައުމުގެ މިނިވަންކަމަށް ކުރި ހަނގުރާމައިގެ ބައިވެރިއެއް ކަމަށްވާ އަދި ސިޔާސީ ކުށްވެރިއެއް ގޮތުގައި ޖަލުގައި ވެސް އޮތް ޕޮހަމްބާ އަށް އެވޯޑް ލިބުނުކަން އިއުލާނު ކުރުމުން އެވޯޑް ކޮމިޓީން ބުނީ ނެމީބިއާ އަކީ ހެޔޮ ވެރިކަމެއް ކުރާ ގައުމެއްގެ ގޮތުގައި ރީތި ނަން ހޯދައިދެއްވީ ޕޮހަމްބާ ކަމަށެވެ. އޭނާގެ ވެރިކަމުގައި ނެމީބިއާގައި ވަނީ އެންމެންގެ ހިއްސާ އޮންނަ ފުރިހަމަ، ހަމަޖެހުން ބޮޑު ޑިމޮކްރަސީއެއް އާލާކުރައްވާފައި ކަމަށާއި މީޑިއާ އަށް ވެސް ބޮޑު މިނިވަންކަމެއް ދެއްވާފައި ކަމަށް ކޮމިޓީން ބުންޏެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް ވެސް ބޮޮޑު ކުރިއެރުމެއް ހޯދައިދެއްވިކަން ފާހަގަކޮށްފައިވެ އެވެ.
ޕޮހަމްބާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިނާމުގެ ފައިސާ ހޭދަކުރާނީ ތައުލީމު ހޯދުމަށް ހުރަސްތައް ގިނަ ސަރަހައްދުތަކުގެ ކުދިންނަށް މަތީ ތައުލީމު ހޯދައިދިނުމަށް ޕޮހަމްބާ ހިންގަވާ ފައުންޑޭޝަނަށް ކަމަށެވެ.
މޯ އިބްރާހިމް އެވޯޑަކީ ކޮރަޕްޝަނާއި ފަސާދަ އާއި ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް ރައްޔިތުންނަށް މަންފާ ހޯދައިދޭ ވެރިން އުފެއްދުމަށް، މަހުޖަނެއް ކަމަށްވާ މޯ އިބްރާހިމް 2007 ވަނަ އަހަރު އިއުލާނުކުރި އެވޯޑެކެވެ. އެއީ ސޫދާން ދަރިކޮޅުގެ އިނގިރޭސިއެކެވެ. މޯބައިލް ކޮމިއުނިކޭޝަންގެ ވިޔަފާރި އެފްރިކާގެ އެކި ގައުމުތަކުގައި އިންވެސްޓްކޮށްގެން އޭނާ ވަނީ އެތައް މިލިއަން ޑޮލަރެއް ހޯދައިފަ އެވެ. ކޮންމެ އަހަރަކު ދޭ މި އެވޯޑް ތައާރަފްކުރި ފަހުން މި އެވޯޑަށް ޝަރުތު ހަމަވެ ލިބިފައި ވަނީ ތިން ވެރިއަކަށެވެ. މި އެވޯޑްގައި ދޭ ފަސް މިލިއަން ޑޮލަރު ދޭނީ 10 އަހަރަށް ބަހާލައިގެންނެވެ. އަދި އޭގެ ފަހުން އެ މީހަކު މަރުވަންދެން ކޮންމެ އަހަރަކު 200000 ޑޮލަރު ދޭނެ އެވެ.