ދިވެހި ސިނަމާ

ފޫހިވިޔަސް 4426 ބަލަން ދާން ޖެހޭ ސަބަބުތައް

ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމެކޭ ބުނެފިއްޔާމު އެ ފިލްމެއްގައި ކިތަންމެ އަސަރެއް ހުއްޓަސް އެ ފިލްމެއްގެ ކޮލިޓީގައި މާ ބޮޑު އަސަރެއް ހުންނާނެ ކަމަކަށް ފިލްމުބަލާ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. މިރެއަކީ އެ ގަބޫލުކުރުމާއި ކުށްހީ ބަދަލުކޮށްލުމަށް ނަހުލާ އަށް އޭނާގެ ފިލްމީ ހަޔާތުގައި ލިބޭ ރަނުގެ ފުރުސަތެއްކަން ޔަގީނެވެ.

އޮލިމްޕަހުގައި މިރޭ ޕްރިމިއާކުރާ އޭނާގެ ބިރުވެރި ފިލްމު "4426" ހާއްސާ އެއް ސަބަބަކީ މިއީ އެވެ. އަދި ފަހަރެއްގައި މި ފިލްމެއް ހާއްސަވާ އެންމެ މުހިންމު ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ.

ނަހުލާގެ ފިލްމެއް، އޭނާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެއް، ބެލުންތެރިންނާ ހަމަ އަށް ނާންނަތާ ހަތް އަހަރުވީ އެވެ. އެހެންވީމަ "4426" ވާން ޖެހޭނީ އާދައިގެ "ކަމްބެކަކަށް" ނޫނެވެ. އާދަޔާހިލާފު ކަމްބެކަކަށެވެ. -- މިއީ ނަހުލާގެ ވަފާތެރި ފޭނުން ވެސް އަދި އޭނާ ވެސް އުއްމީދުކޮށްގެން ހުރި ގޮތެވެ.

އެހެންވީމަ ނަހުލާގެ ފިލްމުތަކަށް ފޫހިވާ މީހުންނަށް ވެސް އޮތީ މި މެސެޖެވެ. އޭނާގެ ފިލްމުތަކަށް ކިތަންމެ ފޫހިވިޔަސް އަދި "ނަހޫ ސްޓައިލް" ބަލަން ބޭނުން ނުވިޔަސް "4426" އަށް ދާން އެބަޖެހެ އެވެ. ތިރީގައި މި އަންނަނީ މި ފިލްމަށް ދާން ޖެހޭ ސަބަބުތަކެވެ. އަދި އެންމެ ފުރަތަމަ ސަބަބަކީ "ނަހުލާ" އެއް ނޫނެވެ. -- ނުވަތަ ނަހުލާގެ ފިލްމަކަށް މި ފިލްމުވުމެއް ވެސް ނޫނެވެ.

މިއީ ނަހުލާގެ ފިލްމެއް އެކަންޏެއް ނޫން!

މިހައި ތަނަށް ނަހުލާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގައި ޑައިރެކްޓަރުގެ ގޮނޑި ފުރީ އެކަނިމާއެކަންޏެވެ. ނަމަވެސް "4426" ގެ ތަޖުރިބާ ވަރަށް ވެސް ތަފާތެވެ. މި ފިލްމަކީ ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. -- ޝިނާން އަކީ ދިވެހި ސިނަމާ ޒަމާނީ ޒަމާނީ ހަރުފަތެއް މައްޗަށް ޖެއްސި ޑާކް ރެއިން ސްޓޫޑިއޯގެ ފިލްމުތަކުގައި މަސައްކަތްކޮށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި އިހްތިރާމާއި މަގްބޫލުކަން ހޯދާފައިވާ ޒުވާނެކެވެ.

މި ފިލްމު އޭނާގެ އަލަތު ޑައިރެކްޝަނަށްވިޔަސް ކޮލިޓީ ރަނގަޅު ފިލްމެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ކުރަން ޖެހޭ މަސައްކަތުގައި އޭނާ އަކީ އާ ނަމެއް ނުވަތަ އާ ފަރާތެއް ވެސް ނޫނެވެ. ފިލްމު ބަލާ މީހުންގެ މެދުގައި މަޝްހޫރުނުވިޔަސް، ސިނެމެޓޯގްރާފަރެއްގެ ގޮތުގަ އާއި ވީއެފްއެކްސްގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.

މި ފެންވަރުގެ ޑައިރެކްޓަރަކު ނަހުލާގެ އެނބުރި އައުމުގައި ބޭނުންކުރަން ލިބުމަކީ ހަގީގަތުގައި ވަރަށް ވެސް ބޮޑު ނަސީބެކެވެ. ނަހުލާގެ އިތުރުން ބެލުންތެރިންނަށް ވެސް ނަސީބެކެވެ.

އެހެންވީމަ، ނަހުލާގެ ލިޔުންތެރިކަމުގެ ކުޅަދާނަ ކަމާއި ޑައިރެކްޝަންގެ ތަޖުރިބާތައް ގޮސް ޝިނާންގެ ވިޝުއަލްސް އާއި ޒަމާނީ އުކުޅުތަކާ މަސްހުނިކޮށްލުމުން ހިއްސުތަކަށްކޮށްލާނެ އަސަރުތަކާ މެދު ވިސްނާލައްވާށެވެ!

މިއީ ނަހުލާ އަށް ވެސް އާ ތަޖުރިބާއެއް!

ނަހުލާ އަކީ ދިވެހި ސިނަމާގެ އެންމެ އާންމު ރަހަ ކަމުގައިވާ "މެލޯޑްރާމާތައް" އުފެއްދުމުގައި އެފަދަ ދެ ވަނައެއް ނެތް ފަރާތެއްކަން ޔަގީނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރޭހެއްގައި ނަހުލާ އަށް އެހާ ފަސޭހައި އެހެން ޑައިރެކްޓަރުންގެ މައްޗަށް ކުރި ލިބެނީ އޭނާ އަށް ލިބިފައިވާ ލިޔުންތެރިކަމުގެ ހުނަރާ ހެދި އެވެ.

ކޮންމެއަކަސް، 4426އާ ހަމައިން ނަހުލާގެ އެ ފޮނި ތަޖުރިބާ ނުވަތަ ދަތުރު މި ވަނީ ގޮންޖެހުމަކަށް ބަދަލުކުރަން މަޖުބޫރުވެ، އެ ޗެލެންޖު ވެސް ގަބޫލުކޮށްފަ އެވެ. ބަދަލުނުވެ އޮތް ސިނަމާ، ނުވަތަ އާ ރަހަތަކަށް ދީދައިނުލާނެ ކަމަށް ބުނެ ގަދަހަދާލައިގެން އޮތް ސިނަމާގެ ތަހުތުގައި ހުރި ޑައިރެކްޓަރުގެ ހިޔާލު ވެސް އެންމެފަހުން ބަދަލުވުމަކީ "4426" އަށް ދާން ޖެހޭ ސަބަބުތަކުގެ ތެރެއިން މުހިންމު ސަބަބެކެވެ.

ވަކިން ހާއްސަކޮށް މި އާ ތަޖުރިބާގައި ނަހުލާ ޖެހުނު ގޮތާއި އޭނާގެ ގަލަމުން ދެމި ރޮނގުން ކުރެހިގެން އަންނަ މަންޒަރު ބޮޑު ސްކްރީނަށް މިފަހަރު ފެތުރިގެން ދަނީ ކިހިނެތްތޯ ވެސް ބަލައިލަން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އެހެންވީމަ "ނަހޫގެ އެންމެ ވަފާތެރި" ފޭނުން ވެސް މިިރޭ އޮލިމްޕަހަށް ދާނީ "ނަހޫ ޔުނިވާސް" ގެ އާ ތަޖުރިބާއަކަށް ތައްޔާރުވެގެންނެވެ.

މިފަހަރު އޮތީ މެލޯޑްރާމާއެއް ނޫނެވެ. ފިތްކަނޑައިގެންދާވަރުގެ ބިރުވެރި ފިލްމެކެވެ!

ރަތް ހެދުން ލީ ޖިންނިއެއް ނޫން!

ބިރުވެރި ފިލްމަކަށް މި ފިލްމު ވުމަކީ ފިލްމު ބަލަން ދާން ޖެހޭ ސަބަބެކެވެ. އަނެއް ސަބަބަކީ ނަހުލާގެ ބިރުވެރި ފިލްމަކަށްވުމެވެ. އެކަމަކު މި ހުރިހާ ކަމަކަށްވުރެން ވެސް ހާއްސަވަނީ، މީގައި ދިވެހި ސިނަމާ ފާއިތުވި ބައި ގަރުނު ބިރުގެންނުވި ރަތް ހެދުން ލީ ޖިންނިއެއް ނޫޅޭތީ އެވެ.

ދިވެހިންގެ ސަގާފަތާ ގުޅިފައިވީ ހިޔާލީ ވާހަކަތަކުގެ ދުނިޔެ އިން ނުކުމެ 4426ގައި ދައްކުވައި ދެނީ އާންމު ދިރިއުޅުމުގައި ވެސް ބައެއް ދިވެހިން ތަޖުރިބާކޮށްފައިވާ ޖިންނި ޝައިތޯނުންގެ ކަންކަމެވެ. އެހެންވީމަ ރަތް ހެދުން ލީ ދިވެހި ސަގާފީ ޖިންނި ދެކެ ބިރުނުގަންނަ ނަމަ، 4426 އަކީ ދިވެހި ސިނަމާގައި އަލުން ތުރުތުރުއަޅަން ޖެހިދާނެ ސަބަބަކަށް ވެދާނެ އެވެ.

ނަހޫ ފެކްޓާ!

ނަހޫ ފެކްޓާ މި ފިލްމުގައި ވަރަށް ބޮޑެވެ. އާންމުކޮށް ނަހުލާގެ ފިލްމުތައް ޕްރިމިއާކުރާއިރު 10 ޝޯ އޮންނަނީ ހައުސްފުލްވެފަ އެވެ. މި ފިލްމު މިރޭ ޕްރިމިއާކުރާއިރު މިހާރު ޓިކެޓް ވިއްކަމުން ދަނީ 13 ވަނަ ޝޯ އެވެ. ހުރިހާ ވެސް ޝުކުރެއް ނަހޫ ފެކްޓާއަށެވެ.

އެހެންވީމަ ނަހުލާ ފިލްމެކޭ ކިޔާފައި "ކޮންމެ އެއްޗެއް ހެދިޔަސް" ހަމަ ހިނގަނީއެއް ނޫން ހެއްޔެވެ؟

މީގެ އިތުރުން ފާހަގަކޮށްލަން ބޭނުންވާ އެހެން ކަމެއް ވެސް އެބައޮތެވެ. މި ފިލްމަކީ ވެސް ނަހުލާއާ އެކު މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީނަށް އަންނަ ފަހަރެކެވެ. އާންމުކޮށް ޔޫއްޕެ، އޭނާގެ ބެސްޓް ދައްކަނީ ނުވަތަ ދެއްކިފައި ވަނީ ނަހުލާގެ ފިލްމުތަކުގަ އެވެ.

އެހެންކަމުން ޔޫއްޕެގެ އާދަޔާހިލާފު ޕާފޯމެންސަކަށް ވެސް މިރޭ އިންތިޒާރުކުރެވެ އެވެ. މީގެ އިތުރުން "ނަހޫ ފެކްޓާގައި" ޖެހި ފިލްމުގެ ޒުވާން އަދި ތަޖުރިބާމަދު ކާސްޓުގެ ހުނަރު އުފުލިގެންދާ ހިސާބު ވެސް ބަލައިލަން ވަރަށް ޝައުގުވެރިވެ އެވެ.