ހަބަރު

ނަޝީދު މިނިވަން ކުރަން އިހްތިޖާޖު ފެށުމުން ލައިވް ފީޑް ކަނޑާލައިފި

Mar 3, 2015
1

ރައްޔިތިންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ދަނިކޮށް މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދު މިނިވަން ކުރުމަށާއި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމްޑީޕީގެ މެންބަރުން އިހްތިޖާޖެއް ކުރަން ފެށުމުން މަޖިލީހުގެ ޖަލްސާ ދުރަށް ފޮނުވުން ހުއްޓާލައިފި އެވެ.

ޖަލްސާ ކުރިޔަށް ދަނިކޮށް ޖަލްސާގައި އަޑުގަދަ ކުރައްވާފައި ވަނީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އެޕާޓީގެ އެހެން މެންބަރުންވެގެނެވެ.

އީވާ ވަނީ ރިިޔާސަތުގެ ކުރިމައްޗަށް ގޮސް އަޑު ހަރުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި އަޑުހަރުކޮށް ގޮވާލައްވާފައެވެ. އަދި އީވާގެ އަޑުގެ ދަށުން އެމްޑީޕީގެ އެހެން މެންބަރުން ވެސް ވަނީ އަޑުގަދަ ކުރައްވާ ރައީސް ޔާމީނަށް ނިސްބަތްކޮށް ނަންތައް ބޭނުން ކުރައްވާ އެމަނިކުފާނު ހައްޔަރު ކުރުމަށް ވެސް ގޮވާލާފައެވެ. މީގެ އިތުރުން މިހާރުވެސް ބަންދެއްގައި ހުންނަވައިގެން މަޖިލީހަށް މިއަދު ވަޑައިގެން އިންނެވި މެންބަރު އަލީ އާޒިމާއި އީވާ ވަނީ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވަނިކޮށް މޭޒުގެ ދެފަރާތުގައި ބަނޑު އަޅުއްވައި ރައީސް ނަޝީދުގެ ހައްޔަރުކޮށްގެން ރާއްޖޭގައި ބާއްވާނެ މަޖިލީހެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ލައިވް ފީޑް ކަނޑައިލި އިރު މެންބަރުތައް ތެދުވެވަޑައިގެން އަޑުގަދަ ކުރާތަނާއި މަޖިލީހުގެ އަމީންއާންމު ސިޓީއެއް މަޖިލީހަށް ނީއްވެވިގެން އުޅުއްވާ މަންޒަރު ފެނެ އެވެ.

މަޖިލީޙުގެ ތަޅުމުގައި އެމްޑީޕީން ފެށި އިހްތިޖާޖުގައިގައި އިސްވެ ހުންނެވީ ވެސް އީވާ އަބްދުﷲ އެވެ. އެކަމަނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެކެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ފެށި އިރު އިއްޔެ ރައީސް ޔާމީން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވި އިރުވެސް އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ވަނީ ހުރަސް އަޅައި އަޑުގަދަ ކޮށްފައެވެ.