އަލަށް އަނެއްކާވެސް ޑޭޓްކުރަން ފެށީ އެވެ. ލޯބިވެރިޔާއާ އެކު ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ރެއަކު ބޭރަށް ދެވެން ފެށީ އެވެ. ކޮފީއަށާއި ކެއުންތަކަށް އެކުގައި ހިތް ބަންޑުންކުރެވެން ފެށީ އެވެ. އެކަމަކު މި ސިލްސިލާއެއްގެ ސީޒަން ނިމެން އަންނައިރު ވެސް ބައެއް މީހުންނަށް ޔަގީން ނުވެ އޮންނަ އެއް ކަމަކީ ދެ މީހުންގެ އުނގަށް ހިތްބަނޑުންވި ކަމެވެ.
ލޯބިވެވިއްޖެކަން ޔަގީންނުވެ އުޅެން ޖެހުމަކީ ބައެއް ފަހަރަށް އެންމެ ހިތަށް އުނދަގޫކުރުވާ އިހްސާސެވެ. ނުވަތަ އަނެއް ބައި ފަހަރަށް މައްސަލަ ދިމާވަނީ އެކުގައި އުޅޭ ބައިވެރިޔާ "ޓެގްކުރާނީ" ލޯބީގެ ކޮން ވައްތަރެއްގައިކަން ޔަގީންނުވާ ހިސާބުންނެވެ.
ކޮންމެ މީހެއްގެ ހިތަކީ ވެސް ތަފާތު ހިތެކެވެ. އޭގައި އަޅާ ވޭނާއި ކުރެވޭ އިހްސާސްތައް ތަފާތެވެ. ލޯބީގައި ޖެހުމުން ވެސް ދިމާވަނީ ހަމަ މިގޮތެވެ. -- އެކި މީހުންނަށް އެއްޗިއްސާއި މީހުން ކަމުދާގޮތް ތަފާތުވީމަ އެވެ. މީހުންނަށް މީހުން ދެކެ ލޯބިވެވޭ ގޮތް ތަފާތުވީމަ އެވެ.
ބައެއް މީހުންނަށް ލޯތްބަކީ އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމެވެ. އަނެއް ބަޔަކަށް އެއީ ހަމައެކަނި ދެ މީހެއްގެ ދެމެދުގައި އޮންނަ ޝައުގުވެރިކަމެކެވެ. ހިތުގައި އޮންނަ ދަމާ ބާރެކެވެ. ނުވަތަ ނަފުސާނީ ގޮތުން ދެ ހިތް ގޮސް ގުޅޭ ގުޅުމަށް ވެސް ބައެއް މީހުން ލޯތްބޭ ކިޔަ އެވެ.
އެހެންވީމަ، ލޯބިވެވިއްޖެކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟
- ދެ މީހުންގެ ކިބައިން ފެންނަ ބޭރުފުށުގެ ރީތިކަމަށް އެކަކު އަނެކަކުގެ ހިތް ބަންޑުންވުން
- އެކުގައި އުޅެވޭ ވަގުތުތަކުގައި ނުވަތަ ހޭދަކުރާ ވަގުތުގައި ހިތަށް ހާސް އުފާވެރިކަން ވެރިވުން
- ދެ މީހުން އެކުގައި ނޫޅުނަސް އެކަކު އަނެކަކު މަތިން ހަނދާންވުން
- އެގޮތަށް ހަނދާންވާއިރު ބައިވެރިޔާގެ ހިޔާލާއި ވާހަކަތަކުން ހިތްހަމަޖެހުން ލިބުން
- ނަފުސުގެ އަރާމު އެކުގައި އިހްސާސްކުރެވުން
- ތިމާ ހުންނަ ސިފަ އާއި ތިމާ އަށް ލިބިފައިވާ އަހުލާގާއި ތިމާގެ ކިބައިގައި ހުރި މައްސަލަތަކާ އެކު ވެސް ކަމުގޮސް، ލޯބިވުން
- އަގުވަޒަންކުރެވި އިހްތިރާމް ލިބިގެންވުން
- އެކަކަށް ދެރައެއް ލިބޭ ހިނދު އޭ ހިތާމައެއްގައި ބައިވެރިވެވުން
- ހިތާމައެއް ކުރިމަތިވިޔަސް ބައިވެރިޔާގެ ވާހަކަތަކާއި ހިތްވަރުން ހިތްވަރުލިބުން
ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ މަތީގައި ބަޔާންކޮށްފައި މި ވާ ސިފަތަކަކީ ލޯބިވެވިއްޖެ ކަމުގެ އަމަލީ ނިޝާންތަކެވެ. މިފަދަ ނިޝާންތަކެއް ދެ މީހުންގެ ގުޅުމުން ފެންނަން ފަށައިފި ނަމަ އެއީ ދެ މީހުން ކައިވެންޏަށް ތައްޔާރުވާންވީ ވަގުތުކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.