ހަބަރު

ގައްސާން މައުމޫން، ރައީސް ޔާމީންގެ ފެކްޝަންގައި؟!

  • މައުމޫންގެ ކައުންސިލްގައި ގައްސާން ވޯޓެއް ނުދެއްވި
  • ޔާމީންގެ ކައުންސިލްގެ ނިންމުންތައް ފާސްކުރަން ވޯޓުދެއްވި
  • މިއީ ބައިބައިވުމުގެ ތެރެއިން ފެންނަ އެންމެ ތަފާތު މަންޒަރު

ޕީޕީއެމްގެ އެތެރޭގައި ކޯޅުންގަނޑު ބޮޑުވެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ޕާޓީގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވަނީ ދެ ބަޔަށް ބެހިފަ އެވެ. ކޮންމެ ވެސް އެއް ފެކްޝަނެއް ކޮންމެ ބޭފުޅަކު ވެސް ވަނީ އިހުތިޔާރުކޮށްފަ އެވެ. ދެތިން ބޭފުޅެއް ފިޔަވައި ގްރާސް ރޫޓްގެ ގިނަ ބޭފުޅުންނާއި މަޖިލީހުގެ ގިނަ މެންބަރުން މި ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ތިއްބަވަނިކޮށެވެ.

މި ބައިބައިވުމުގެ ތެރެއިން މިހާތަނަށް ފެންނަމުން އަންނަ އެންމެ ތަފާތު މަންޒަރަކީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން ގައްސާން މައުމޫން، ބައްޕާފުޅު ދެކޮޅު ހައްދަވަމުން ދަނިކޮށް ރޭ ރައީސް ޔާމީންގެ ފެކްޝަން އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. ބައިވެރިވެ ވަޑައިގަތުން އެކަންޏެއް ނޫނެވެ. އެ ކައުންސިލްގެ ނިންމުންތައް ފާސްކުރީ ވެސް ސީދާ ގައްސާންގެ ވެސް ވޯޓާ އެކު އެވެ.

ސިވިލް ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް، އެ ހުކުމަށް ގޮންޖައްސަވައި ރައީސް މައުމޫން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ގައްސާން ބައިވެރިވެލެއްވި ކަމަށް މައުމޫންގެ ފެކްޝަންގެ އިސް އޮފިޝަލަކު މިއަދު ކަށަވަރު ކޮށްދިނެވެ. ކައުންސިލްގެ ހާޒިރީގައި ގައްސާން ވަނީ ސޮއި ވެސް ކުރައްވާފަ އެވެ.

ކައުންސިލް ބައްދަލުވުމަށް ގައްސާން ޕީޕީއެމް އޮފީހަށް ވަޑައިގަތީ ވެސް ނޫސްވެރިންގެ ކުރިމަތީގަ އެވެ. ނަމަވެސް ރައީސް މައުމޫން ނޫސްވެރިން ބައްދަލުކުރައްވައި މައުލޫމާތު ދެއްވިއިރު ގައްސާން ހުއްނެވީ އެ މާލަމުން ބޭރުގަ އެވެ. މައުމޫންއާއެކު އެމަނިކުފާނުގެ ދެން ތިއްބެވި ތިން ބޭފުޅުން ތިއްބެވެ.

ކައުންސިލް ބައްދަލުވުމުގައި ގައްސާން ބައިވެރިވެލެއްވިއިރު މައުމޫންއާ ވަރަށް އަރިހުގައި އުޅުއްވި މަންޒަރު ވެސް އިއްޔެ ފެނިގެންގޮސްފައިވެ އެވެ.

ނަމަވެސް ރައީސް މައުމޫން އިއްޔެ ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުމުގައި ކަންކަން ނިންމީ 11 މެންބަރުންގެ ވޯޓާއެކު އިއްތިފާގުން ކަމަށެވެ. މައުމޫން ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިއްޔެ ގައްސާނާ ނުލައި ވެސް އެ ބައްދަލުވުމުގައި 11 މެންބަރުން ބައިވެރިވި އެވެ. އެހެންކަމުން އެ ބައްދަލުވުމުގައި ޖުމްލަ 12 ބޭފުޅަކު ބައިވެރިވެ ވަޑައިގަތްކަން މައުމޫން ފެކްޝަންގެ ބޭފުޅަކު ކަށަވަރުކޮށްދެއްވި އެވެ. ގައްސާނު ވަކިކޮޅަކަށް ވޯޓު ނުލާ އިންނެވި ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި އިއްޔެގެ ޕްރެސްގައި ވެސް މައުމޫން 11 ބޭފުޅުން ކައުންސިލްގައި ބައިވެރިވި ކަމަށް ވިދާޅުވީ ވެސް އެކަން ސިއްރު ކުރައްވަން ކަމަށް ބެލެވެ އެވެ.

އެހެން ނަމަވެސް މައުމޫން ފެކްޝަންގެ އޮފިޝަލުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ. ގައްސާންގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ހިޔާލު ތަފާތުވި ފަހުން ސަރުކާރުގެ ބޮޑެތި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ވެސް ގައްސާނު ބައިވެރިވެލައްވާފައިވެ އެވެ. އަދި މައުމޫންގެ އާއިލާގެ ބޭފުޅުންގެ ތެރެއިން، ސަރުކާރުގެ މަގާމެއްގައި މިވަގުތު ހުރީ ވެސް ގައްސާން އެކަންޏެވެ.

ރޭ ރައީސް މައުމޫންއާ ނުލައި، ބޭއްވި ފުރަތަމަ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ވެސް ގައްސާނު ބައިވެރިވެލެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސް މައުމޫންގެ ނިންމެވުންތައް ނަފީކުރާ ނިންމުންތައް ވެސް ނިންމާފައިވެ އެވެ. އެގޮތުން ގައްސާނުގެ ބޭބެ ފާރިސް މައުމޫން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ފޮނުވާ މަންދޫބެއްގެ ގޮތުން ކަނޑައެޅި ކަނޑައެޅުން ވަނީ ނަފީކޮށް، ނިހާން ހުސައިން މަނިކާއި އަބްދުލް ރަހީމް އަބްދުﷲ ވަނީ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުލް ރަހީމް ވިދާޅުވީ، ގައްސާނު ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ، ވޯޓުގައިވެސް ބައިވެރިވި ކަމަށެވެ.

އެހެންކަމުން ގައްސާނު ދެ ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުގައި ވެސް ބައިވެރިވެލައްވާފައިވާއިރު ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ، ރައީސް ޔާމީނާއެކު ފޮޓޯ ވެސް ވަނީ ނަންގަވާފަ އެވެ. އެހެންކަމުން މަންޒަރުތަކުން ފެންނަ ގޮތުން ގައްސާނު، ތާއިދުކުރައްވަނީ ބައްބާފުޅުގެ ވިސްނުން ދޫކުރައްވައި، ރައީސް ޔާމީންގެ ފެކްޝަނަށެވެ.