ހަބަރު

އިންޑިއާގެ މުދާ އުފުލާ ބޯޓެއް ރާއްޖޭގެ ފަރަކަށް އަރައިފި

Oct 17, 2016

އިންޑިއާގެ މުދާ އުފުލާ ބޯޓެއް ޅ.ކުރެއްދޫ ރިސޯޓު ކައިރިން ފަރަށް އަރައިފި އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު ކަމަށެވެ. އެ ސަރަހަައްދަށް ގޯސްޑުގާޑުން ގޮސް، ޑައިވަރުންގެ ޓީމަކާއެކު، ބޯޓު ފަރަށް އަރާފައިވާ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި ބޯޓުގައި އިންޑިއާގެ ހަތް މީހުން ތިބިއިރު، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ މި މުދާ އުފުލާ ބޯޓު ފަރަށް އަރާފައިވަނީ، އިންޑިއާއިން މުދާ ބަރުކޮށްގެން ކުޅުދުއްފުށީ ބަނދަރުގައި މަޑުކޮށް، އެ ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ އަށް ދަތުރުކުރި މަގުމަތީގައެވެ.

މިފަހުން ވިއެޓްނާމްގެ މުދާ އުފުލާ ބޯޓެއް ފުވައްމުލައް ފަރަށް އަރައި، އެ ފަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ބޯޓު ފުންކުރުމަށްފަހު ގެންދަނިކޮށް ވަނީ އިންޑިއާ ކަނޑަށް އަޑިއަށް ގޮސްފަ އެވެ.