އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި ޒުވާން އަންހެނާގެ ގާތިލަކު އެ މައްސަލާގައި އަންހެން ކުއްޖާ ކުށްވެރިކޮށް ވާހަކަ ދައްކައިފި އެވެ.
ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ ސިނަމާއަކުން ފިލްމެއް ބެލުމަށް ފަހު ފިރިހެން އެކުވެރިޔަކާ އެކު ގެޔަށް ދިޔަ މަގުމަތީ ބަހަށް އެރުވުމަށް ފަހު ރޭޕްކޮށް މަރާލި 23 އަހަރުުގެ ޒުވާން އަންހެނާގެ އެއް ގާތިލު ކަމަށްވާ މުކޭޝް ސިންގް ބުނީ ރޭޕްކުރަން ފެށުމުން ގަދަ ނުދެއްކި ނަމަ އަނިޔާ ނުކުރާނެ ކަމަށާއި އެހެން ނޫން ނަމަ އެކަން ކޮށް ނިންމުމަށް ފަހު މަގުމައްޗަށް އެއްލާލާފައި ދާނީ ކަމަށެވެ.
ސިންގަކީ އަނިޔާވެރި އަމަލު ހިންގި އިރު ބަސް ދުއްވަން އިން މީހާ އެވެ. އެކަމަކު އޭނާ ވެސް ރޭޕްގައި ބައިވެރިވެފައި ވާތީ މިހާރު ވަނީ މަރަން ހުކުމް ކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފުކޮށް، މިހާރުވެސް ޖަލުގައި ހުރި ސިންގް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަންހެން ކުއްޖާ ރޭޕްކޮށް މަރާލުން އެއީ އެ މީހުންގެ ނިޔަތެއް ނޫން ކަމަށެވެ.
އަންހެން ކުއްޖާ ރޭޕްކުރުމުގައި ހަ މީހަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައު 18 ނުވާ ކުއްޖަކު ވެސް ހުއްޓެވެ.
"ރަނގަޅު އަންހެން ކުއްޖަކު ރޭގަނޑު ނުވައެއް ޖަހާއިރު އެގޮތަށް މަގުމައްޗަކު ނޭނބުރޭނެ. ރޭޕް ކުރުމުން ސަލާމަތްވާން ފިރިހެނަކަށް ވުރެ އަންހެނެއްގެ ޒިންމާ ބޮޑު،" ބީބީސީ އަށް ދިން 16 ގަޑިއިރުގެ އިންޓަވިއުގައި ސިންގް ބުންޏެވެ.
އޭނާ ބުނީ އަންހެން ކުދިންނަކީ ގޭތެރޭގައި ގޭތެރޭގެ މަސައްކަތްކުރަން ތިބެންޖެހޭ ބައެއް ކަމަަށާއި ފާޑުފާޑު ހެދުން ލައިގެން ރޭގަނޑު ބާތަކާއި ޑިސްކޯތަކަށް ދާންޖެހޭ ބައެއް ނޫން ކަަމަށެވެ. ރަހުމުގެ ކަންފުޅެއް ވެސް ނެތި ވާހަަކަ ދައްކަމުން ސިންގް ބުނީ ރަނގަޅަށް އުޅެނީ ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓް އަންހެން ކުދިން ކަމަށެވެ.
"އެ މީހުންނަށް ރަނގަޅު ފިލާވަޅެއް ދިނުމަކީ ދެން ތިބި މީހުން ކުރަންޖެހޭ ކަމެއް" ކަމަށް ވެސް ސިންގް ބުންޏެވެ.
"ރޭޕްކުރި އިރު އޭނާ ގަދަ ނުދައްކައި، ރޭޕްކޮށް ނިމެންދެން މަޑުން އޮތް ނަމަ އަހަރެމެން ނިމިގެން އޭނާ މަގުމައްޗަށް އެއްލާލާފައި ދާނީ. ޖެހިޔަސް ޖަހާނީ އޭނާއާ އެކު ހުރި ފިރިހެން ކުއްޖާ ގައިގައި،" ސިންގް ބުންޏެވެ.
މި އަނިޔާވެރިޔާ ބުނީ ރޭޕް ކުރުމުން މަރުގެ އަދަބު އަންނަ ނަމަ އޭގޭ ނަތީޖާ މާ ގޯސްވާނެ ކަމަށެވެ. އޭނާ ބުނީ ރޭޕްކުރާ މީހުން ރޭޕް ކުރުމަށް ފަހު ދެން އަންހެން ކުއްޖާ ސަލާމަތުން ދޫކޮށްނުލާނެ ކަމަށާއި އެކަން ކުރުމަށް ފަހު ސިއްރު ކުރަން މަރާލާނީ ކަމަށެވެ.
ބީބީސީން ވަނީ ރޭޕްގެ ކުށުގައި އިންޑިއާގައި ހުކުމް ތަންފީޒުކުރަމުންދާ ވަރަށް ގިނަ މީހުންނާ އިންޓަވިއުކޮށްފަ އެވެ. މިއީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ދިމާކޮށް ދެއްކުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓްރީއަކަށް އެއްކުރާ އިންޓަވިއުތަކެކެވެ.
ރޭޕް އާންމުވެފައިވާ އިންޑިއާގައި ވަނީ 2012 ވަނަ އަހަރުގެ އަނިޔާވެރި ރޭޕާ ގުޅިގެން ގާނޫނަށް އިސްލާހު ގެނެސް، ރޭޕްގެ ކުށުގައި މަރުގެ އަދަބު ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ ބޮޑެތި ހާދިސާތައް ހިނގާފައިވެ އެވެ.