ހަބަރު

އެމްޔޫއޯއިން ކައުންސިލް ކެންޑިޑޭޓުން އަންނަ މަހު އިއުލާން ކުރަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ޔުނައިޓަޑް އޮޕޮސިޝަން (އެމްޔޫއޯ) ފަރާތުން ބައިވެރިވާ މެންބަރުން އަންނަ މަހު ކުރީކޮޅު އިއުލާން ކުރާނެ ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި އެމްޔޫއޯއިން މިއަދު ބޭއްވި ޕްްރެސް ކޮންފަރަންސްއެއްގައި ވާހަކަދައްކަވަމުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކޮމިޓީގެ މެންބަރު އަދި ކެމްޕެއިން މެނޭޖާ އަބްދުލް މާޖިދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ މަހު ކުރީކޮޅު ކެމްޕެއިން ލޯންޗު ކުރާނެ ކަމަށާއި އެ ހަފްލާގައި އަދާލަތު ޕާޓީއިންނާއި އެމްޑީޕީގެ އިންތިހާބީ ކޮމިޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުތައް އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެމްޕެއިނުގައި ބައްޓަން ކުރަމުން ގެންދާނީ ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭ އަދި ލާމަރުކަޒީ ނިޒާމް އުސޫލެއް ގޮތުން ގަބޫލު ކުރާ އަދި ރައްޔިތުންގެ ވެރިންގެ ގޮތުގައި ކައުންސިލްތަކުގައި ހަރަކާތްތެރިވެވޭ ފެންވަރުގެ ކެންޑިޑޭޓުން. އަދި ޔުނައިޓަޑް އޮޕޮސިޝަންއިން މި ގެނެސްދޭ ފަރާތްތަކަށް އިންސާފު ކުރައްވައިފު ކުރައްވުން އެދެން،" މާޖިދު ވިދާޅުވި އެވެ.

އެލްޖީއޭއިން ބުނި ގޮތުގައި މިފަހަރު ކައުންސިލް އިންތިހާބުގައި ޖުމުލަ 651 ސީޓު ހުންނާނެ އެވެ. އެއީ 561 ރަށު ކައުންސިލާއި 67 އަތޮޅު ކައުންސިލާއި 23 ސިޓީ ކައުންސިލް މެންބަރުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މިމަހު 24 ވަނަ ދުވަހު އިންތިހާބަށް އިއުލާން ކުރުމަށް ހުޅުވާލާނެ ކަމަށާއި އަންތިހާބަށް ކުރިމަތިލުމަށް 14 ދުވަހުގެ މައްދަތެއް ދެއްވާނެ ކަމަށް އީސީއިން ބުނާ ކަމަށެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.