ހަބަރު

65 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހު ގެންގޮސްފި

Mar 3, 2015

އުމުރު، 65 އަހަރަށްވުރެ މަތިވެފައިވާނަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ވެއްދި އިސްލާހު މިއަދު އަނބުރާ ގެންގޮސްފި އެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. މިއަދު މި އިސްލާހު ގެންދިޔަ ވެސް މި އިސްލާހު މިއަދު އަނބުރާ ގެންދާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަދި މި އިސްލާހު ގެންދިއުމާ ބެހޭ ގޮތުން ރޭ ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ. އަދި ރޭގެ ބައްދަލުވުމުގައި މި އިސްލާހު މިއަދު އަނބުރާ ގެންދަން ނިންމި ކަމަށް ވެސް ވެއެވެ.

އެމްޑީއޭގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވެފައި ވަނީ އިސްލާހު ގެންދިޔައީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.

މުހައްމަދު އިސްމާއީލްގެ އިސްލާހާ ގުޅިގެން އެ އިސްލާހަކީ ގާސިމް އިބްރާހީމަށް އަމާޒުކޮށް ލާފައިވާ އިސްލާހެއް ކަމަށް ބުނެ ގާސިމާއި އެމަނިކުފާނުގެ ޖޭޕީން މިހާތަނަށް ގެންދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ. މި އިސްލާހު މިއަދު ގެންދިޔައިރު މީގެ ކުރިން މިދިއަ ހަފުތާގައި މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނީ އިސްލާހު ނުގެންދަވާނެ ކަމަށެވެ.