ވިޔަފާރި

ދުވާފަރުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައިފި

ރ. ދުވާފަރުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ގާއިމްކޮށްފި އެވެ. ދުވާފަރުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ހުޅުއްވައި ދެއްވީ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ އެ އޭޓީއެމް އަކީ ބީއެމްއެލް އިން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

"މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް މިދަނީ މަންފާ ލިބެމުން. ދުވާފަރުގެ ތަރައްގީ އާއި ކުރިއެރުމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްގެ އާ ބްރާންޗުތައް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމް ކުރަމުންދާއިރު މިހާރުވެސް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް މެޝިން ބަހައްޓާފައި ހުރެއެވެ. އޭގެ އިތުރުން 3900 ޕީއޯއެސް މާޗަންޓުންނާއި 177 ކޭޝް އޭޖެންޓުން އަދި 16 ސެލްފް ސާވިސް ބެންކް މިހާރު ވަނީ ހުޅުވާފަ އެވެ.