ބޮލީވުޑް

"ޝިވާއޭ" އިން ސެންސަރުކުރީ އެންމެ މަންޒަރެއް

Oct 18, 2016
3

އަންނަ ހަފްތާގައި ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އާއި އަޖޭ ދޭވްގަންގެ "ޝިވާއޭ" ބޮޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާނެކަން މިދެފިލްމު އެއްދުވަހެއްގައި ރިލީޒްކުރާކަން އިއުލާންކުރި ހިސާބުން އޮތީ ޔަގީންވެފަ އެވެ.

ކަރަންގެ ފިލްމުގެ މުހިންމު ރޯލަކުން ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ފެނިގެންދާއިރު، މިފިލްމު އިންޑިއާގެ ސިނަމާތަކުގައި ނުދައްކާނެ ކަމަށް ބައެއް ޑިސްޓްރިބިއުޓަރުން ބުނަމުން އަންނައިރު އިންޑިއާގެ ބައެއް ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މިފިލްމުގައި ފަވަދް ކުޅެފައިވާ ރޯލު ފިލްމުން އުނިނުކުރާހާ ހިނދަކު އެގައުމުގައި ރިލީޒްނުކުރެވޭނެ ކަމަށް ބުނަމުންނެވެ.

ދެފިލްމު ވެސް ރިލީޒްކުރަން ދެހަފްތާއަށް ވުރެން ކުޑަ ދުވަސްކޮޅެއް އޮތްއިރު ސެންސަރު ބޮޑުން "އޭ ދިލްހޭ މުޝްކިލް" ގެ ފަސް މަންޒަރެއް ސެންސަރުކޮށްފައިވާއިރު، "ޝިވާއޭ" ގެ ސެންސަރުކޮށްފައިވަނީ އެންމެ މަންޒަރެކެވެ.

"އޭ ދިލްހޭ މުޝްކިލް" އިން ސެންސަރުކޮށްފައިވަނީ ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ގައިގޯޅި މަންޒަރުތަކެކެވެ. އަދި "ޝިވާއޭ" އިން ވެސް ސެންސަރުކޮށްފައިވަނީ އަޖޭ އާއި ބަތަލާ އެރީކާ ކާރްގެ ލޯބީގެ މަންޒަރުތަކެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ. އަދި އެމަންޒަރުގެ ބައެއް ސީންތައް ކުރުކޮށްލާފައިވާ ކަމަށްވެސްވެ އެވެ.

ރަންބީރުގެ އިތުރުން އައިޝްވާރިޔާ އާއި އަނުޝްކާ ޝަރްމާ މުހިންމު ރޯލުން ފެނިގެންދާ "އޭ ދިލްހޭ މުޝްކިލް" ގެ ފަސް މަންޒަރެއް ސެންސަރުކޮށް ޔޫއޭ ސެޓްފިކެޓް ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަޖޭގެ އެކްޝަން ފިލްމު "ޝިވާއޭ" ސެންސަރު ބޯޑުން ފާސްކޮށްދީފައިވަނީ އޭގެޖެހިގެން އައި ދުވަހު އެވެ.

މީގެއިތުރުން އަޖޭގެ ފިލްމަށް ސެންސަރު ބޯޑުން ދީފައިވަނީ ވެސް ޔޫ ސެޓްފިކެޓެކެވެ. ސަބަބެއް ކަމަށްވަނީ އެފިލްމުގައި އުނިކުރަން ނުވަތަ ސެންސަރުކުރަން ޖެހޭވަރުގެ އިތުރު މަންޒަރެއް ފިލްމުގައި ނުހިމެނޭތީ އެވެ. އަދި މިފިލްމަކީ އެކްޝަން އަދި ބަދަލުހިފުން ދައްކުވައިދޭ ފިލްމަކަށްވިޔަސް އެއިން އެއްވެސް މަންޒަރެއްގައި ބަދަލުހިފުމަށް ނުވަތަ އަނިޔާވެރިވުމަށް ހިތްވަރުދޭ ފަދަ މެސެޖެއް ރައްދުނުވާ ކަމަށްވެސް ސެންސަރު ބޯޑުން ބުނެފައިވާ ކަމަށްވެ އެވެ.

"އިންޑިއާގައި އަންނަ އެންމެ ބޮޑު ފެސްޓިވަލް ކަމަށްވާ ދިވާލީއާ ދިމާކޮށް ރިލީޒްކުރާ މިފިލްމު އަޖޭ އުފައްދާފައި މިވަނީ އާއިލާ އެކުގައި ތިބެގެން ބެލޭނެ ފަދަ ގޮތަކަށް." ސީބީއެފްސީ އިން ބުނެފައިވެ އެވެ.

"ޝިވާއޭ" ސެންސަރު ބޯޑުން ފާސްކޮށްދިން ކަމުގެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް މިފިލްމުގެ ސްޕޯކްސްޕާސަން ވަނީ އަދި މިފިލްމު ސެންސަރު ބޯޑަށް ނުދައްކާ ކަމަށާއި ފިލްމު އެބޯޑަށް ދައްކައި ފާސްކުރި ކަމަށް ދެކެވެމުން އަންނަ ވާހަކައަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

"ޝިވާއޭ" އަކީ އަޖޭ އެކްޓްކުރުމުގެ އިތުރަށް އޭނާ ޑައިރެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. މިފިލްމުން ސައްޔީޝާ ސެއިގަލް ބޮލީވުޑަށް ތައާރަފުވާނެ އެވެ.