ކަނޑުމަތީގެ ހާދިސާ

ވާދޫ ރިސޯޓް ކައިރިއަށް ދޯންޏެއް އަޑިއަށް ގޮސްފި

ކ. ވާދޫ ރިސޯޓު ކައިރިން މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފި އެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:23 ހާއިރު އެވެ. ހާދިސާ ހިނގިއިރު ދޯނީގައި ދެ ދިވެހިންނާއި ބިދޭސީއަކު ތިއްބެވެ. އެ ތިން މީހުން ކަނޑުމަތިން އަދާރަން ވާދޫ ރިސޯޓުގެ ލޯންޗަކުން ވަނީ ނަގާފައެވެ. ތިން މީހުންނަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަޑިއަށްގޮސްފައިވާ 75 ފޫޓްގެ ދޯނި، އަޑިއަށް ދިޔައީ ވިލިމާލެއިން ހިލައާއި ހިލަވެލި ބަރުކޮށްގެން މަނިޔަފުއްޓަށް ދަތުރުކުރަމުން ދިޔަ މަގުމަތީގަ އެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ކޯސްޓްގާޑު ހާބަރކްރާފްޓް 104 ނަންބަރު ލޯންޗު ގޮސް، އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ދޯނި އަޑިއަށް ދިޔުމާ ގުޅިގެން އެ ދޯނީގައި ހުރި މުދަލާއި ސާމާނު އޮޔާދާނެތީވެ، އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވާދޫ ރިސޯޓް ކައިރިއަށް މިއަދު ދޯންޏެއް އަޑިއަށް ދިޔައިރު އެނބޫދޫ ފަރުމައްޗަށް އަރައި، ދެފެން ދޭތެރެއަށް އަޑިއަށް ގޮސްފައިވާ "ރަންދި" ނަމަކަށް ކިޔާ މި ދޯނި ފުންކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.