ސިއްހަތު

މާގިނައިން ކޮފީ ބޮވުނު ކަމަށް ވާނީ ކިހާ ވަރަކުން؟

ނިދި ފިލުވާލައި މަސައްކަތަށް ޝައުގުވެރިކަން އިތުުރު ކުރުމުގެ ބޭނުމުގައި އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހެެއް ވެސް ފަށަނީ ކޮފީ ތައްޓަކުންނެވެ. އަދި ދުވަހުގެ ވަރުބަލިކަމާއި ފޫހިކަމުން ސަލާމަތް ވުމަށް ވެސް އެކި ވަގުތުތަކުގައި ކޮފީ ބުއިމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާދައެކެވެ.

ސިއްހަތު ރަނގަޅު މީހެއް ނަމަ ދުވާލަކަށް 400 މިލިގްރާމްގެ ކެފެއިން އަކީ ރައްކާތެރި މިންވަރެވެ. މިހާ ވަރަށް ކެފެއިން އެތެރެވާނީ ގާތްގަނޑަކަށް ހަތަރު ތަށި ކޮފީ ބޮއެގެންނެވެ. ކޮކަ ކޯލާ ނަމަ މިއީ 10 ދަޅުގައި ހުންނަހާ ކެފެއިންނެވެ. އެކަަމަކު އެނާޖީ ޑްރިންކެއް ނަމަ ދެ ދަޅެވެ.

ބޮޑެތި މީހުންނަށް ކެފެއިން އަކީ ނުރައްކާ އެއްޗަކަށް ނުވިޔަސް ކުޑަކުދިންނަށް ކެފެއިން އަކީ ރަނގަޅު އެއްޗެއް ނޫނެވެ. އަދި ފުރާވަރުގެ ކުދިން ވެސް ދުވާލަކު 100 މިލިގްރާމަށް ވުރެ އިތުރަށް ކެފެއިން ބޭނުން ނުކުރުން ރަނގަޅެވެ. 

ބޮޑެތި މީހުން ވެސް ކެފެއިން ބޭނުންކުުރުމުގައި އިމެއް އޮވެ އެވެ. މާގިނައިން ކެފެއިން ބޭނުންކުރެވޭ ވަނަ ހަށިގަނޑަށް އުނދަގޫތައް ކުރިމަތިވާނެ އެވެ. ބައެއް ބާވަތްތަކުގެ ބޭސް ބޭނުންކުރާ މީހުންނާއި ކެފެއިންގެ އަސަރު ހަށިގަނޑަށް ފަސޭހައިން ކުރާ މީހުން ވެސް ކެފެއިންއާ ދުރުވާން ޖެހެ އެވެ.

ދުވާލަކު 500-600 މިލިގްރާމަށް ވުރެ ގިނައިން ކެފެއިން ބޭނުންކުރާ ނަމަ މި މައްސަލަތައް ކުރިމަތި ވެދާނެ އެވެ.

ބައެއް މީހުންނަކީ ކެފެއިން އަސަރު ވަރަށް ފަސޭހައިން ހަށިގަނޑަށް ކުރާ މީހުންނެވެ. އެހެންވެ ކޮފީން ތިމާގެ ހަށިގަނޑަށް އަސަރު ކުރަނީ ކިހާ ވަރަކަށްތޯ އަމިއްލަ އަށް ދެނެގަންނާށެވެ. އަދި އުމުރާއި ހަށިގަނޑުގެ ބަރުހެލިކަމާއި ބައެއް ބޭސްތަކުގެ ސަބަބުން ވެސް ކެފެއިންގެ އަސަރު ހަށިގަނޑަށް ކުރުން އަވަސްވެ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިންގެ ނޭދެވޭ އަސަރު އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކުރާލެއް އަވަހެވެ. 

ގިނަ މީހުންނަކީ ދުވާލަކު 7-8 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވާ މީހުންނެވެ. އެކަމަކު މިކަމަށް ކެފެއިންގެ ސަބަބުން އަސަރުކުރެ އެވެ. ރޭގަނޑު އަރާމުކޮށް ނުނިދިއްޖެ ނަމަ ނުވަތަ ހަށިގަނޑަށް އެ ވަގުތަކު ބޭނުންވާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަދުން ނިދި ނުލިބުނު ކަމުގައި ވިޔަސް ދުވާލުގެ ވަގުތު އެ މީހެއްގެ "ހުޝިޔާރު ކަމަށް" ބަދަލު އާދެ އެވެ. ދުވާލުގެ ވަގުތު ނިދި އައުމުން އެކަމާ ދެކޮޅަށް އަނެއްކާ ވެސް ކެފެއިން ބޭނުންކުރަން ފެށުމުން ދެން ފެށެނީ ވަރަށް ނުބައި އާދައެކެވެ. ދުވާލު ނިދި އަންނާތީ، ކެފެއިން ހުންނަ ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން ހުރުމުން ރޭގަނޑު އަނެއްކާވެސް ނިދި މަދުވެ އެވެ. އެހެންވެ ދުވަހަކު ވެސް ހަށިގަނޑަށް ނިދީގެ ފުރިހަމަ އަރާމެއް ނުލިބޭނެ އެވެ.

ކެފެއިންއާ ދުރަށް ދިއުމަށް، ކެފެއިން ބޭނުންކުރުން މަދުކުރަން ފެށުމާ އެކު ވެސް ހަށިގަނޑަށް އުނދަގޫތައް ކުރިމަތިވެ އެވެ. ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ހާސްވުން ފަދަ ކަންކަން އިހްސާސް ކުރެވޭނެ އެވެ. އެކަމަކު މިއީ ވަރަށް ކުޑަކޮށް ދިމާވާ ކަންކަމެވެ. ދުވަސްކޮޅަކު ކެތްކޮށްލުމުން އެ އުނދަގޫތައް ވެސް ފިލައިގެން ދާނެ އެވެ.